ފެބްރުއަރީ 22، 2022 ގައު ރަޝިއާއިން ޔޫކްރައިން އަށް ދޭން ފެށި ހަމަލާތަކާ އެކު ވަރަށް ކުރީކޮޅުގައި ޔޫކްރައިންގެ ސިޓީއެއް ކަމަށް ވާ ހާސަން ރަޝިއާއިން ހިފިއެވެ.
އޭރު އެސިޓީގެ ނާސިންހޯމްތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ތިބި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ގާތްގަނޑަކަށް 6 މަސް ދުވަހު ރަޝިއާގެ އަތްދަށުގައި އެ ސިޓީ އޮތުމަށްފަހު ޔޫކްރައިން އިން އެތަން އަލުން ހިފިއެވެ. އެ ސިޓީގެ އެކިއެކި ތަންތަން ބަލައި ފާސް ކުރަމުން ދިޔަ އިރު ފާހަގަވި އެއްކަމަކީ ކުރިން ހުރި ނާސިން ހޯމްގައި ތިބި ކުދިންގެ ތެރެއިން ކުދިންތަކެއް ގެއްލިފައި ވާ ކަމެވެ.
ބީބީސީގެ އިންވެސްޓިގޭޝަން ޓީމަކުން ކުރި ދިރާސާއިން އެނގުނީ، އެތަނުން ގެއްލުނު ކުދިން ރަޝިއާއަށް ގެންދިޔަ ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު މިހާރު އެޑޮޕްޓް ކޮށްގެން ގެންގުޅެނީ ރަޝިއާގެ ރައީސް ވްލެޑިމިއާ ޕުޓިންގެ ސިޔާސީ މައި އެކުވެރިއެއް ކަމަށް ވާ ސަރްގެ މިރޮނޯވް (70އ.) ކަމެވެ.
އަސްލު ނަމަކަށް މާގަރީޓާ ކިޔާ ކުއްޖަކީ މިއަދު ނަން ބަދަލުކޮށް ރަޝިއާގެ ކުއްޖަކަށް ވަނީ ހަދާފައެވެ. އޭނާ އަކީ އެ ނާސިން ހޯމުން ގެއްލުނު 48 ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ.
މިކަން ތަހުގީގު ކުރަމުން ދިޔަ ބީބީސީގެ ޓީމުން މިރޮނޯވް އާ ސުވާލުކުރުމުން އޭނާ ވަކި ޖަވާބެއް ދީފައި ނުވާ އިރު އެޓީމުން ބުނީ، އޭނާ މިހާރު ކައިވެރނިކޮށްގެން އުޅޭ އަންހެންހީމާ ގެންގުޅޭ ކުޑަ ކުއްޖާއަކީ އެ ނާސިން ހޯމުން ނަގައިގެން ގެންގޮސް އެޑޮޕްޓް ކޮށްގެން ގެންގުޅޭ ކުއްޖެއްކަން އެނގިފައި ވާ ކަމަށެވެ.
ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން އެތައްހާސް ކުދިންނެއް ވަގަށް ގެންދިޔަ ކަމަށް ޔޫކްރައިންގެ ސަރުކާރުން މީގެ ކުރިންވެސް ގިނަ ތުހުމަތުތައް ވަނީ ކޮށްފައެވެ. އެގޮތުން 2022 ގައި ހަމަލާ ދޭން ފެށި ފަހުން ރަޝިއާ ސިފައިން ވަނީ ގާތްގަނޑަކަށް 20،000 ކުޑަކުދިންގެ ރަޝިއާއަށް ގެންގޮސްފައި ކަމަށް ވެސް ބުނެއެވެ.
ކުދަކުދިން މެރުމާއި ވަގަށް ނެގުންފަދަ އެތައް ޖަރީމާތަކެއް މަތިކޮށް ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ނިންމާ ބައިލަންއަގުވާމީ ޖިނާއީ ކޯޓުން ޕުޓިން ހައްޔަރު ކުރަން ވަނީ އަމުރުވެސް ނެރެފައެވެ. އެގެ ތެރޭގައި ޕުޓިންގެ ކޮމިޝަނާ ފޯ ޗިލްޑްރަންސް ރައިޓްސް މާރިއާ ލްވޯވާ-ބެލޯވާ ވެސް ހިމެނެއެވެ.
އެ ތުހުމަތުތަކަށް ރަޝިއާ ސަރުކާރުން ބުނެފައި ވަނީ ޔޫކްރެއިންގެ ކުޑަކުދިން ރަޝިއާއަށް ގެންދިޔައީ އެކުދިންނަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ކަމަށެވެ.
ބީބީސީން ވަނީ ޔޫކްރެއިންގެ ހިއުމަން ރައިޓްސް އިންވެސްޓިގޭޓަރު ވިކްޓޯރިއާ ނޮވިކޯވާއާ ގުޅިގެން މާގަރިޓާ އާއި އެހެން ކުދިންނަށް ވީ ގޮތް ދެނެގަތުމަށް މަސައްކަތް ކޮށްފައެވެ. ޔޫކްރެއިންގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ބޭނުންވާ އާ ހެކިތަކުގެ ޑޮސިއާއެއް ނޮވިކޯވާ ތައްޔާރު ކޮށްފައި ވާއިރު، އެ ޑޮސިއާ އައިސީސީއާ ހަވާލުކުރާނެއެވެ.
މާގަރިޓާގެ ވަށައިގެންވާ ސިއްރުތައް
މާގަރިޓާގެ ވަށައިގެން އޮތް ސިއްރު ފެށުނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި 10 މަހުގެ ތުއްތު ކުއްޖަކަށް ބްރޮންކައިޓިސް ޖެހިގެން ފަރުވާ ދެމުން ދިޔަ ކެރްސަންގެ ކުޑަކުދިންގެ ހޮސްޕިޓަލަށް މަޑު ދަނބުކުލައިގެ ހެދުމެއްގައި ހުރި އަންހެނަކު ވަން ހިސާބުންނެވެ.
މާގަރިޓާ އަކީ ސިއްހީ މައްސަލަތައް ހުންނަ ނުވަތަ މައިންބަފައިންގެ ބެލެނިވެރިކަން ގެއްލި ނުވަތަ މަރުވެފައިވާ ކުދިން ބަލަހައްޓާ ހިޔާގެ އެންމެ ހަގު މެންބަރަކަށް އިން ކުއްޖާއެވެ.
މާގަރިޓާ އުފަންވިތާ މާ ގިނަ އިރުތަކެއް ނުވަނީސް އޭނާގެ މަންމަ ވަނީ އޭނާގެ ބެލެނިވެރިކަން ދޫކޮށްލާފައެވެ.
އެ ހޮސްޕިޓަލުގައި ތުއްތު ކުދިންނަށް ފަރުވާ ދިނުމުގައި އިސްކޮށް އުޅުއްވި ޑރ. ނަތާލިއާ ލިއުޓިކޯވާ ވިދާޅުވީ އޭނާއަކީ ހިނިތުންވުމުން ފުރިފައިވާ ތުއްތު ކުއްޖެއް ކަމަށާއި އޭނާ އަކީ މީހުން ގައިގައި އޮޅުލާން ވަރަށް ލޯބިކުރާ ކުއްޖެއް ކަމަށެވެ.
މަޑު ދަނބުކުލައިގެ ހެދުމުގައި ހުރި އަންހެން މީހާ އަމިއްލަ އަށް ތައާރަފްވީ "މޮސްކޯގެ ކުޑަކުދިންގެ ކަންތައްތަކުގެ އެންމެ އިސްވެރިޔާ" ގެ ގޮތުގައި ކަމަށް ޑރ ލިއުޓިކޯވާ ވިދާޅުވިއެވެ.
ލިއުޓިކޯވާ ވިދާޅުވި ގޮތުގައި އެ އަންހެން މީހާ ފުރައިގެން ދިޔަތާ މާ ގިނަ އިރުތަކެއް ނުވަނީސް ދާދި ފަހުން ކުޑަކުދިންގެ ހިޔާ ހިންގެވުމާ ހަވާލުވެ ހުންނެވި ރަޝިއާގެ އޮފިޝަލަކު ތަކުރާރުކޮށް ފޯނު ކޯލްތައް ކުރެއްވި އެވެ. އޮފިޝަލް އެދިވަޑައިގަތީ މާގަރިޓާ ވަގުތުން ގެއަށް ފޮނުވުމަށެވެ.
ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާގަރިޓާ ހޮސްޕިޓަލުން ދޫކޮށްލިއެވެ. ޖެހިގެން އައި ދުވަހު ހެނދުނު ކުޑަކުދިންގެ ހިޔާގެ ސްޓާފުންނަށް އަންގާފައި ވަނީ ދަތުރަކަށް ތައްޔާރު ކުރުމަށެވެ.
"އަހަރެމެން ތިބީ ބިރުން. އެންމެން ވެސް ބިރުން އުޅުނު" އެތަނުގެ ނަރުހެއް ކަމަށްވާ ލިއުބޮވް ސޭކޯ ބުންޏެވެ.
ރަޝިއާގެ ފިރިހެނުން ލާ ކަހަލަ އަސްކަރީ ސްޓައިލްގެ ކެމޮފްލާޖް ފަޓުލޫނެއްގައި، ކަޅު އަވި އައިނު އަޅައިގެން އަދި ބްރީފްކޭސް ހިފައިގެން އަންހެން ކުއްޖާ ނެގުމަށް [ބަލައިގޮސް ހުރި މީހާ] ސިފަ ކުރަމުން އޭނާ ވިދާޅުވިއެވެ.
"ހީވީ ފިލްމެއްގެ މަންޒަރެއްހެން." އޭނާ ބުންޏެވެ.
އޭގެ ފަހުން ކަންތައްތައް ހިގައި ދިޔަ ގޮތް
އޭގެ ހަތް ހަފުތާ ފަހުން އަސްކަރީ ހެދުމުގައި ރަޝިއާގެ މަޖިލީސް މެމްބަރެއް ކަމަށް ވާ އިގޯރު ކަސްޓިއުކެވިޗް އެ ހޯމް [ޗައިލްޑް ކެއާ] އަށް ވަޑައިގެން އެހެން އޮފިޝަލުންނާ އެކު މާގަރިޓާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެކްސިމް ހިމެނޭ ގޮތަށް ބާކީ ތިބި ކުދިން ޑީޕޯޓް [ރަޝިއާ އަށް ގެންދިޔުމުގެ] ކުރުމުގެ ކަންކަން އިންތިޒާމު ކުރަން ފެށިއެވެ.
"އެމީހުން އަހަރެމެންގެ އަތުން އެކުދިން ނަގައިގެން ދިޔައީ." ނަރުސް ސޭކޯ ބުންޏެވެ.
ކަސްޓިއުކެވިޗް ޓެލެގްރާމްގައި އާންމުކޮށްފައިވާ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި އެ ކުދިން ބޭރަށް ދާއިރު އަޅާ ހެދުން އަޅައިގެން، ބަހާއި އެމްބިއުލާންސްތަކަށް އަރުވައިގެން ދުއްވާފާ ދާ މަންޒަރު ފެނެއެވެ.
"ކްރިމިއާގައި ރައްކާތެރި ހާލަތު އޮތް ތަނަކަށް ކުދިން ގެންދާނެ." ކުދިން އުޅަނދުތަކަށް އަރުވަމުން ކަސްޓިއުކޭވިޗް ވިދާޅުވިއެވެ. ރަޝިޔާއިން ކްރައިމިއާ ހިފާފައިވަނީ 2014 ވަނަ އަހަރު ޔޫކްރައިން އަތުންނެވެ. ކަސްޓިއުކެވިޗް ވަނީ މި ހަރަކާތަކީ އިންސާނީ އެހީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ދަންވަރުގެ ރޭލު
ވިކްޓޯރިއާ ނޮވިކޯވާއާ އެކު މަސައްކަތް ކުރާ ޓީމުން، މާގަރިޓާ އާއި އަނެއް 47 ކުދިން ހޯދުމުގެ މަސައްކަތް ބީބީސީން ކުރަމުން އަންނަތާ ފަސް މަސް ވެއްޖެއެވެ.
17 މިލިއަން އަކަ ކިލޯމީޓަރު (6.6 މިލިއަން އަކަމޭލު) އަށް ވުރެ ބޮޑު ގައުމެއް ކަމަށްވާ ރަޝިއާ ފަދަ ބޮޑު ތަނަކުން އެ ކުދިން ހޯދުމަކީ ފަސޭހަ މަސައްކަތެއް ނޫނެވެ.
ފުރަތަމަ މަސައްކަތަކީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހޮސްޕިޓަލުގައި މާގަރިޓާއަށް ޒިޔާރަތްކުރި މަޑު ދަނބުކުލައިގެ ހެދުމުގައި ހުރި އަންހެން މީހާ ދެނެގަތުމެވެ.
ވިކްޓޯރިއާ ވަނީ ރަޝިއާގެ ލިޔުމެއް ހާމަކޮށްފައެވެ. ލިޔުމުގައި އަންހެނެއްގެ ނަން ހިމަނާފައިވާއ އިރު އެއީ އިންނާ ވަރުލަމޯވާ އެވެ. ސޯޝަލް މީޑިޔާގައި ހޭވި އިރު އެއީ މަޑު ދަނބު ކުލައިގެ ހެދުމުގއި ހުރި އަންހެނާކަން ވަނީ ކަށަވަރު ވެފައެވެ.
އެއަށްފަހު ވަރުލަމޯވާގެ ފޮޓޯއެއް ޑރ. ލިއުޓިކޯވާއަށް ދެއްކުމަށްފަހު އޭނާ އަކީ ކުޑަކުދިންގެ ވޯޑުގައި މާގަރިޓާއަށް ޒިޔާރަތްކުރި އަންހެން މީހާކަން ދެނެގަތެވެ.
އިތުރަށް ކުރި ތަހުގީގުން އެނގުނީ ވަރުލަމޯވާ އަކީ ރަޝިޔާގެ މަޖިލީހުގައި މަސައްކަތް ކުރައްވާ ބޭފުޅެއްކަމެވެ. އެއީ ކޮން ހައިސިއްޔަތަކުން ކަމެއް ނޭނގުނު ނަމަވެސް، މޮސްކޯ ކައިރީގައި އޮންނަ ޕޮޑޮލްސްކުގައި މިލްކިއްޔާތު އޮންނަ މީހެއްކަން ވަނީ ކަށަވަރު ވެފައެވެ.
"އެހާ ދުރަށް ކުޑަ ކުއްޖަކު ގޮވައިގެން ދާންވީ ކީއްވެ؟" އޭނާ ބުނެލިއެވެ.
އެއީ އިންނާ ވަރްލަމޯވާކަން އެނގުމައެކު ބީބީސީ ތަހުގީގުން ވަނީ ރަޝިއާގެ އެތެރޭގެ ވަސީލަތްތަކުން ރޭލުގެ ރެކޯޑްތައް ހޯދާފައެވެ. މިއިން އެނގުނީ އޭނާ ޔޫކްރެއިންއަށް ގޮސްފައި ވަނީ ކުޑަކުދިންގެ ހިޔާއިން މާގަރިޓާ ނެގި ކަމަށް ހެކިވެރިން ބުނާ ދުވަހު ކަމަށެވެ.
އޭގެ ފަހުން އެރޭ 12:20 ހާއިރު ވަރުލަމޯވާ ވަނީ އިތުރު ރިޓާން ޓިކެޓާއެކު އެނބުރި މޮސްކޯއަށް ރޭލުގައި ގޮސްފައެވެ.
އެއަށްފަހު ރަޝިޔާގެ މަސްދަރަކުން ވަނީ އިތުރު މުހިންމު މައުލޫމާތެއް ދީފައެވެ. ވާރުލަމޯވާ ދާދި ފަހުން ސިޔާސީ ޕާޓީގެ ލީޑަރު ސާގޭ މިރޮނޯވްއާ ކައިވެނި ކުރެއްވި ކަން ދައްކުވައިދޭ ލިޔުމެއް ވަނީ ހާމަކޮށްފައެވެ.
ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ މިރޮނޯވް އަކީ ރަޝިއާގެ އިދިކޮޅު ޕާޓީ ޖަސްޓް ރަޝިއާ ޕާޓީގެ ލީޑަރެވެ. އޭނާ އަކީ އިނގިރޭސިވިލާތާއި އީޔޫ ފަދަ ހުޅަނގުގެ ގިނަ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައި ވާ މީހެކެވެ.
"މެރީނާ" ނަމަކަށް ކިޔާ 14 މަހުގެ އަންހެން ކުއްޖެއްގެ އުފަންދުވަހުގެ ރެކޯޑެއް މިދިޔަ ޑިސެމްބަރު މަހު ވަނީ ހަދާފައެވެ. އެ ކުއްޖާގެ މައިންބަފައިންގެ ނަމަކީ އިންނާ ވާރުލަމޯވާ އާއި ސާގޭ މިރޮނޯވް އެވެ. ކުއްޖާ އުފަންވި ކަމުގެ އަސްލު ރެކޯޑެއް ނުފެނުމުން އެންޓްރީ އަކީ ގަވާއިދާ ހިލާފަށް ހަދާފައިވާ އެންޓްރީއެއް ކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.
"މެރީނާގެ" އުފަން ދުވަހަކީ އޮކްޓޯބަރު 31، 2021 އެވެ. އެއީ މާގަރިޓާ އުފަންވި ދުވަހެވެ.
"މެރީނާގެ އުފަން ދުވަހަކީ މާގަރިޓާގެ އުފަންދުވަހާ އެއް ދުވަހެއްކަން އެނގުމުން އެއީ ޝައްކުތައް ކަށަވަރު ވެގެން ދިޔަ ކަމެއް ކަމަށް ވިކްޓޯރިއާ ބުންޏެވެ.
ނަން ހާމަ ނުކުރާ ރަޝިޔާގެ ވަސީލަތްތައް މެދުވެރިކޮށް، ބީބީސީގެ ޓީމަށް މިހާރު ވަނީ މާގަރިޓާގެ އެޑޮޕްޝަން ރެކޯޑް ދީފައެވެ. މާގަރިޓާ ޕްރޮކޮޕެންކޯގެ ނަން މަރީނާ މިރޯނޯވާއަށް ބަދަލުކޮށްފައި ވަނީ އޭނާ އެޑޮޕްޓްކުރި ބައްޕަ ސާގޭ މިރޯނޯވްގެ ނަމުންނެވެ. އޭނާގެ އުފަން ރަށް ލިސްޓުކޮށްފައި ވަނީ ޕޮޑޮލްސްކްގެ ގޮތުގައެވެ.
ރަޝިއާ ސަރުކާރުން ބުނީ މާގަރިޓާގެ މައްސަލަ ސަރުކާރަށް ނޭނގޭ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
އެޑޮޕްޓްކުރުމުގެ އަމުރުތައް
ހަނގުރާމައިގެ ޖަރީމާއަކީ ކޮބައިކަން ބަޔާންކުރާ ޖެނީވާ މުއާހަދާގައި ބުނެފައި ވަނީ ސަލާމަތީ ގޮތުން ނުވަތަ ކޮންމެހެން ކުރަން ޖެހޭ އަސްކަރީ ކަމެއްގެ ސަބަބުތަކަށްޓަކައި ނޫނީ ހަނގުރާމައިގެ ވަގުތުތަކުގައި އާންމުން ޑީޕޯޓް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެއީ ވަގުތީ ކަމެއް ކަމަށެވެ. މި މުއާހަދާގައި ކުޑަކުއްޖެއްގެ އާއިލީ ހާލަތަށް ބަދަލު ގެނައުން ވެސް ވަނީ މަނާކޮށްފައެވެ.
ރައީސް ޕުޓިން އާއި އޭނާގެ ކުޑަކުދިންގެ ކޮމިޝަނަރު މާރިއާ ލްވޯވާ-ބެލޯވާގެ މައްޗަށް އައިސީސީ [ބައިންލްއަގުވާމީ ޖިނާއީ ކޯޓު] އިން މި އަހަރު ކުރީކޮޅު ދައުވާ އުފުލިއިރު، ކޯޓުން ތުހުމަތު ކުރާ ގޮތުގައި ޔޫކްރެއިންގެ އެތައް ސަތޭކަ ކުއްޖަކު ޔަތީމުހާނާތަކާއި ކުޑަކުދިންގެ ހިޔާތަކުން ގާނޫނާ ހިލާފަށް ޑީޕޯޓް ކޮށްލުމަކީ އެ ކުދިން ދާއިމީކޮށް އަމިއްލަ ގައުމުން ނެރުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެކެވެ.
އަދި އެކަން ހިނގާފައި ވަނީ ޔޫކްރެއިންގެ ދަރިން އެޑޮޕްޓް ކުރުމަށް ރަޝިއާއަށް ލުއި ތަކެއް ހޯދައިދިނުމަށް ގަރާރުތަކެއް ނެރުމަށް ޕޫޓިން ނިންމެވުމާ ގުޅިގެންނެވެ.
މިސް ލްވޯވާ-ބެލޯވާ ވިދާޅުވީ ރަޝިއާއިން ކުދިން ގެންދަނީ ހަމައެކަނި ފޮސްޓާ ކެއާ ނުވަތަ ބެލެނިވެރިކަމަށް ކަމަށެވެ.
"އެޑޮޕްޝަންތަކެއް ނެތް." މިދިޔަ މަހު އޭނާ ބުންޏެވެ. "މިއީ ވަރަށް މުހިންމު ހަގީގަތެއް. އެޑޮޕްޓް ކުރުމުގެ މާނައަކީ ކުއްޖާ މުޅިން ރަށްވެހިކަން ބަދަލުކުރުން. ކުއްޖާގެ ފުރަތަމަ ނަމާއި، މެދު ނަމާއި ފަހު ނަން ބަދަލުކޮށްލެވިދާނެ. އުފަންތަނަށް ބަދަލު ގެނެވިދާނެ."
ތަހުގީގަށް ރައްދު ދެމުން ރަޝިއާ ސަރުކާރުން ބުނެފައި ވަނީ ރަޝިއާއިން އަލަށް އިއުލާނު ކޮށްފައިވާ ސަރަހައްދުތަކުން ޔޫކްރެއިންގެ ކުދިން އެޑޮޕްޓް ކުރުމުގެ ހުއްދަ ރަޝިއާއިން ނުދޭ ކަމަށް ބުނުމަކީ ދޮގެއް ކަމަށެވެ. އަދި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކީ ރަޝިއާގެ ބައެއް ކަމަށް މިހާރު ދެކޭ ކަމަށާއި އެތަނުގައި ދިރިއުޅޭ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
އެއް ކުއްޖަކު ނަގައިފި
މާގަރިޓާ މިހާރު ކޮބައިތޯ އަހާ ސުވާލުކޮށް ސާގޭ މިރޮނޯވް އާއި އިންނާ ވަރްލަމޯވާ އަށް ބީބީސީން ލިޔުމުންވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ނާސިން ހޯމުން ނެގި އެހެން ހުރިހާ ކުދިން ވެސް ގާތްގަނޑަކަށް ތިބީ ރަޝިއާގެ އަތްދަށުގައި ކަމަށް ބެލެވެއެވެ. ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ކްރައިމިއާގައި 17 ކުދިން އެބަތިއްބެވެ. ވިކްޓޯރިއާ ނޮވިކޯވާ ބުނި ގޮތުގައި ޔޫކްރެއިންގައި އެ އެންމެންގެ ގާތް ތިމާގެ މީހުން އެބަތިއްބެވެ.
ޔޫކްރެއިންއިން ބުނީ ރަޝިއާއަށް ގެންދެވުނު 19،546 ކުއްޖަކު ދެނެގަނެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެނބުރި އައިސްފައިވަނީ 400 އަށްވުރެ މަދު ކުދިން ކަމަށް ބުނެއެވެ.
މޮސްކޯއިން ބުނީ ސައްހަ ދައުވާއެއް ކޮށް، އެކުދިން ހޯދުމަށް ދަތުރުކޮށްފިނަމަ އާއިލާ ނުވަތަ ރައްޓެހިންނާއި ކުދިން އަލުން ގުޅުވައިދޭނެ ކަމަށެވެ. ނަމަވެސް ގިނަ މައިންބަފައިންނަށް ދަރިން ތިބީ ކޮންތާކުކަން ނޭނގޭއިރު، އެކުދިން ހޯދުމުގެ މަރުހަލާއަކީ ދަތި އުނދަގޫ މަރުހަލާއެކެވެ.
ހާސަން ޗިލްޑްރަންސް ހޯމްއިން ރަޝިއާއަށް ގެންދިޔަ އެއް ކުއްޖެއްގެ ވާހަކަ ބީބީސީއަށް އެނގެއެވެ. މިދިޔަ މަހު ސިއްހީ މައްސަލައެއް ދިމާވެގެން އޮޕަރޭޝަނެއްގެ އިންތިޒާރުގައި ފެސިލިޓީގައި ހުރި އުމުރުން ތިން އަހަރުގެ ވިކްޓާ ޕުޒިކް ރަޝިއާގެ ކްރިމިއާ އިން ނެގީ އޭނާގެ މަންމަ އޮލްހާއެވެ.
އެކުއްޖާ ސަލާމަތުން ހުރިކަން އެނގުމުގެ އިންތިޒާރުގައި އޭނާގެ މަންމަ އޮލްހާއަށް އިނދެވުނީ ހިތްދަތިކަމުގައެވެ.
"އަހަރެން ވިސްނަމުން ދިޔައީ، އެ ކުއްޖާ ކޮބައިތޯ، ހުރީ ކޮން ހާލަކުތޯ. އެ ކުއްޖާ ދިރިހުރިތޯ ނުވަތަ ނޫންތޯ. ހުރިހާ ކަމެއް އަހަރެންގެ ސިކުނޑިއަށް އަރައިގެން ދިޔަ."
ވިކްޓޯރިއާ ބޭނުންވަނީ ހާސަން ޗިލްޑްރަންސް ހޯމްއިން ގެއްލުނު އެހެން ހުރިހާ ކުދިން ހޯދަން ކަމަށާއި ނަމަވެސް އަވަސް މުސްތަގުބަލެއްގައި އެ ކުދިން ނުފެނިދާނެތީ ކަންބޮޑުވާ ކަމަށެވެ.
"ވަގުތު އޮތީ އަހަރެމެންގެ ފަރާތަކު ނޫން." އޭނާ ބުނެލިއެވެ. "މައްސަލައަކީ ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން އުފަންދުވަހުގެ ސެޓްފިކެޓް ނުވަތަ ޕާސްޕޯޓް ދޫކުރާއިރު ކުދިންގެ އައިޑެންޓިޓީ ފޮހެލަން މަސައްކަތް ކުރުން."
ނަމަވެސް މާގަރިޓާ އެނބުރި ޔޫކްރެއިންއަށް ގެންދިޔުމުގެ އުއްމީދު އޭނާގެ މައިންބަފައިން ދޫކޮށްލާފައެއް ނުވެއެވެ.
މާގަރިޓާ ގެންދެވޭނެ ގާތް ތިމާގެ މީހުން އަދިވެސް ހޯދިފައި ނުވާތީ ޔޫކްރެއިން ގެ ސަރުކާރުން ކުޑަ އަންހެން ކުއްޖާގެ ގާނޫނީ ބެލެނިވެރިއެއްގެ ގޮތުގައި ވިކްޓޯރިއާ ހަމަޖެއްސި އިރު، އޭނާ އަނބުރާ ދިނުމަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ވިސްނުން ގެންގުޅެއެވެ.
"މާގަރިޓާ އުޅޭކަން މުޅި ދުނިޔެއަށް އެނގެން އެބަޖެހޭ. އެމީހުން ބޭނުންވީ އެކުއްޖާ ފޮހެލަން. އެކުއްޖާ އަނބުރާ ގެންނަން އެބަޖެހޭ." އޭނާ ބުންޏެވެ.