ޑިންގީއެއްގައި ގދ. ގައްދޫއިން ގދ. ގަމަށް ދަތުރުކުރި 75 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ މީހާ ގައްދޫއިން ފުރާފައިވަނީ މިއަދު ހެނދުނު 9:30 އެހާކަންހާއިރު ކަމަށާއި، އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 17:05 އެހާކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ ފުލުހުން މިހާތަނަށް ބެލި ބެލުމުން ހެނދުނު 11:15 އެހާކަންހާއިރު އެ މީހާ ގަމުން ފުރާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މީހާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ އަތް ކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މީހާ ހޯދުމަށްޓަކައި އެމްއެންޑީއެފްގެ ސައުތް ރީޖަން ކޯސްޓް ގާޑުން ބޭރު ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި، ފުލުހުން ދަނީ ގަމާއި ގަމު ކައިރި ފަޅު ރަށްތައް ބެލުމުގެ މަސައްކަތް ކުރަމުންކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާއިރު ސަމާލުވުމަށާއި، ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރުތައް ނޫނީ ނުކުރުމަށް އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.