އަފްޣާނިސްތާނު ހަނގުރާމައިގެ އިތުރުން އީރާނަށް ހަމަލާދިނުމާއެކު މެދުއިރުމަތީގައި އެމެރިކާއިން ހިންގާފައިވާ ހަނގުރާމަތަކަށް އާ ބޮޅެއް މިވަނީ އިތުރު ވެގެން ގޮސްފައެވެ.
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އަސްކަރީ ބޮޑު އިނގިލާބެއް ގެނައި އެމެރިކާގެ އަސްކަރިއްޔާގެ ބާރަކީ މިއަދު ދުނިޔޭގެ އެހެން ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ވެސް ގަދަ ބާރެކެވެ. އެ ދުވަސްވަރު ޖަރުމަނުގެ ސައިންޓިސްޓުން އެގައުމުން ބޭރު ކޮށްލުމުން އެމެރިކާއިން އެމީހުނަށް ހިޔާވަހިކަން ދީ ޖަރުމަނުގެ އަސްކަރީ ޓެކްނޮލޮޖީ އެމެރިކާގައި ފައްކާކުރިއެވެ.
ދާދި ފަހުން އީރާނަށް ބޮން އަޅަން އެމެރިކާއިން ބޭނުން ކުރި ސްޓެލްތް ބޯޓުތަކަކީ ޖަރުމަނުގެ އޭރުގެ ސައިންޓިސްޓުންގެ ޓެކްނޮލޮޖީ އިން މުއްސަނދި ކޮށްފައި ވާ ބޯޓުތަކެކެވެ.
ހަނގުރާމަ އަށް ލޯބި ކުރާ އެމެރިކާއިން ފާއިތުވި 20 އަހަރުތެރޭގައި ހަނގުރާމަތަކަށް 5.8 ޓްރިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ސީދާ ހަމަލާތަކުގައި 940،000 މީހަކު މަރާލާފައި ވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
އިހަށް ދުވަހު އީރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރި ސްޓެލްތް އާ ބެހޭގޮތުން ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ޑޭން ކައިން ވިދާޅުވީ އެ ހަލަމާފައި ބީ2 މަރުކާގެ 7 ސްޓެލްތް ބޭނުން ކުރި ކަމަށާއި އެއިން ކޮންމެ ބޯޓެއްގެ އަގަކީ ގާތްގަނޑަކަށް 2.1 ބިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ. އަދި އެ ދުވަހު އެ 7 ބޯޓުން ޖުމްލަ 14 ބޮން ވައްޓާލި ކަމަށާއި އެއިން ކޮންމެ އެޗެއްގެ އަގު މިލިއަން މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑުކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ، އީރާނަށް ހަމަލާ ދިނުމުގެ އޮޕަރޭޝަންގައި ޖުމްލަ 125 މަތިންތާބޯޓު ބޭނުން ކުރި ކަމަށާއި، އޭގެ ތެރޭގައި ބޮން އަޅާ ބޯޓުތަކާއި ފައިޓާ ޖެޓްތަކާއި ޓޭންކަރުތަކާއި ސަވައިލަންސް ބޯޓުތައް ހިމެނެއެވެ. އޭގެ ތެރޭގައި ސަޕޯޓް ސްޓާފުން ވެސް ހިމެނެއެވެ.
އަސްކަރިއްޔާއަށް އެންމެ ބޮޑު ހަރަދެއް ކުރާ ގައުމަކީ އެމެރިކާ ކަމަށް ވާއިރު، ދެން އެންމެ ގިނައިން ހަރަދު ކުރާ 9 ގައުމު އެއްކޮލުމުންވެސް ނުކުރާހާ ބޮޑު ހަރަދެއް އެމެރިކާއިން ކުރެއެވެ.
އަސްކަރިއްޔާއަށް އެންމެ ބޮޑު ހޭދައެއް ކުރާ 10 ގައުމު؛
- އެމެރިކާ: އަހަރަކު 997 ބިލިއަން، ޖީޑީޕީގެ 3.4 ޕަސެންޓް އަދި ދުނިޔޭގެ ނިސްބަތުން 37 ޕަސެންޓް
- ޗައިނާ: އަހަރަކު 314 ބިލިއަން، ޖީޑީޕީގެ 1.7 ޕަސެންޓް އަދި ދުނިޔޭގެ ނިސްބަތުން 12 ޕަސެންޓް
- ރަޝިއާ: އަހަރަކު 149 ބިލިއަން، ޖީޑީޕީގެ 7.1 ޕަސެންޓް އަދި ދުނިޔޭގެ ނިސްބަތުން 5.5 ޕަސެންޓް
- ޖަރުމަން: އަހަރަކު 88.5 ބިލިއަން، ޖީޑީޕީގެ 1.9 ޕަސެންޓް އަދި ދުނިޔޭގެ ނިސްބަތުން 3.3 ޕަސެންޓް
- އިންޑިއާ: އަހަރަކު 86.1 ބިލިއަން، ޖީޑީޕީގެ 2.3 ޕަސެންޓް އަދި ދުނިޔޭގެ ނިސްބަތުން 3.2 ޕަސެންޓް
- ޔޫކޭ: އަހަރަކު 81.8 ބިލިއަން، ޖީޑީޕީގެ 2.3 ޕަސެންޓް އަދި ދުނިޔޭގެ ނިސްބަތުން 3 ޕަސެންޓް
- ސައުދީ: އަހަރަކު 80.3 ބިލިއަން، ޖީޑީޕީގެ 7.3 ޕަސެންޓް އަދި ދުނިޔޭގެ ނިސްބަތުން 3 ޕަސެންޓް
- ޔޫކްރައިން: އަހަރަކު 64.7 ބިލިއަން، ޖީޑީޕީގެ 34 ޕަސެންޓް އަދި ދުނިޔޭގެ ނިސްބަތުން 2.4 ޕަސެންޓް
- ފްރާންސް: އަހަރަކު 64.7 ބިލިއަން، ޖީޑީޕީގެ 2.1 ޕަސެންޓް އަދި ދުނިޔޭގެ ނިސްބަތުން 2.4 ޕަސެންޓް
- ޖަޕާން: އަހަރަކު 55.3 ބިލިއަން، ޖީޑީޕީގެ 1.4 ޕަސެންޓް އަދި ދުނިޔޭގެ ނިސްބަތުން 2 ޕަސެންޓް
ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗްގެ ރިޕޯޓުން ދައްކާ ގޮތުގައި، މަތީގައި އެވާ ތާވަލަށް ބަލާއިރު، ޗައިނާގެ 3 ގުނަ އަދި ރަޝިއާ އަށް ވުރެ 7 ގުނަ އިތުރަށް އެމެރިކާއިން އެކަނި ހޭދަ ކުރެއެވެ.
އެމެރިކާއިން ދިޔަ ހަނގުރާމަތަކުގައި މީހުން މެރި އަދަދު
ބްރައުން ޔުނިވާސިޓީގެ ވަޓްސަން އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް އެންޑް ޕަބްލިކް އެފެއާޒް އިން ހާމަ ކުރާ ގޮތުގައި، 2001 އިން ފެށިގެން އެމެރިކާ ބައިވެރިވެ މިހާތަނަށް ހިންގި ހަނގުރާމަތަކުގައި ސީދާ ހަމަލާގައި 940،000 މީހުން މަރުވެފައި ވެއެވެ. އެއީ އަފްޣާނިސްތާން، ޕާކިސްތާން، އީރާގް، ސީރިއާ، ޔަމަން އަދި ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދިން ހަމަލާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވި ހުރިހާ ސަރަހައްދުތަކެއް ހިމެނޭ ގޮތުން މަރާފައި ވާ މީހުންގެ އަދަދެވެ.
މީގެ ތެރޭގައި ކާބޯތަކެތިން މަހުރޫމް ކޮށް މެރި މީހުންނާއި، ސިއްހީ އެކިއެކި ނުކުޅެދުންތެރިކަން ކުރިމަތި ކޮށް މެރި މީހުންނާއި ހަނގުރާމައިގެ އެކިއެކި ސަބަބުތައް ކުރިމަތިވެގެން މަރުވި މީހުންގެ އަދަދުތަކެއް ނުހިމެނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ފާއިތުވި 20 އަހަރުގެ ތެރޭގައި ހަނގުރާމައާ ގުޅުންހުރި ކަންކަމުގައި މަރުވި ޖުމްލަ މީހުންގެ އަދަދު 3.6 މިލިއަނާއި 3.8 މިލިއަނާ ދެމެދުގެ އަދަދަކަށް އަރާކަމަށް ބުނެއެވެ. އެއާއެކު ސީދާ އަދި ނުސީދާ ގޮތުން މަރުވި ޖުމްލަ އަހަރު 4.5 މިލިއަނާއި 4.7 މިލިއަނާ ދެމެދުގެ އަދަދަކަށް ދާކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މުއްދަތުގެ ތެރޭގައި އެމެރިކާއަށް ނިސްބަތްވާ ސިފައިންނާއި އެމީހުނަށް މަދަދު ދޭ މީހުން އެއްކޮށްލީމައި މަރުވެފައި ވާ އަދަދު އަރަނީ 30،000 އަށެވެ. އެއީ 7052 ސިފައިންނާއި 8189 ކޮންޓްރެކްޓަރުންނާއި އެމީހުންނާ ބައިވެރިވާ 14874 މީހުންނެވެ.
އެމެރިކާއިން ކުރި ހަނަގުރާމަތަކުގެ ތެރެއިން އެންމެ ގިނަ މީހުން މަރާފައިވާ ގައުމުތައް؛
- އަފްގާނިސްތާން: 2001 އިން 2021 އަށް 243،000 މީހުން މެރި
- އީރާގު: 2003 އިން 2021 އަށް 315،000 މީހުން މެރި
- ސީރިއާ: 2014 އިން 2021 އަށް 269،000 މީހުން މެރި
- ޔަމަން: 2002 އިން 2021 އަށް 112،000 މީހުން މެރި
ނުސީދާ ގޮތުން މަރުވި މީހުންގެ އަދަދުތައް ހިމަނާނަމަ އަފްޣާނިސްތާނާއި އިރާގު އެކަނި އެއްކޮށްލުމުން މަރުވި މީހުންގެ އަދަދު ބައިމިލިއަނަށް އަރައެވެ.
އަފްގާނިސްތާނަށް އެމެރިކާއިން އަރައިގަތީ ސެޕްޓެމްބަރު 11 ގެ ހަމަލާ ދިނީ އުސާމާ ބިން ލާދިން އިސްވެ ހުރެ ކަމަށް ނިންމާ އޭނާ މަރާލުމުގެ ނަމުގައެވެ. މުޅި އަފްގާނިސްތާން ތަޅާ ސުންނާފަތި ކުރުމަށް ފަހު އެތައްބަޔަކު މަރާފައި ވެއެވެ. ދެން އެންމެ ގިނަ މީހުން މެރި އީރާގަށް އެމެރިކާއިން އެރީ ފަނާކުރަނިވި ނުރައްކާތެރި ހަތިޔާރެއް އީރާގުން އުފައްދާ ކަމަށް ބުނެ ރޯބުހުތާނު ދޮގު ހަދާ އޮޅުވާލައިގެން އޭރު މެދުއިރުމަތީގައި އެންމެ ވަރުގަދަކޮށް ހުންނެވި އީރާގުގެ ރައީސް ސައްދާން ހުސައިން އަވަހާރަ ކޮށްލުމަށެވެ. ފައިސާގެ ދަހިވެތިކަމުގައި އީރާގުގެ ގިނަ އޮފިސަރުން ޖެހި އެމެރިކާއަށް ވިކިގެން ދިޔުމާއި، އެމެރިކާއާއި ހުޅަނގުގެ ބާރުގަދަ ގައުމުތަކުން ބައިވެރިވުމާއެކު އީރާގަށް އެ ބާރާ ދެކޮޅަށް ކުރި ހޯދޭނެ ގޮތް ނުވެ، އެތައް ފުރާނައެއް ގެއްލިގެން ދިޔައެވެ.
އެމެރިކާއިން އަރާ ފޭބި އެއްވެސް ތަނެއްގައި ހަމަޖެހުމެއް ގާއިމު ވެފައި ނެތް އިރު އެއިން ކޮންމެ ތަނެއްގައި މިހާރުވެސް އޮތީ ދާހިލީ ހަމަނުޖެހުމެވެ. ހަތިޔާރު އެޅި ގުރޫޕުތަކެވެ. އެއްބަޔަކު އަނެއްބަޔަކަށް ހަމަލާދީ ބާރު ހޯދުމަށް ތަޅާ ފޮޅުމެވެ.
އެމެރިކާއިން ހަނގުރާމަތަކަށް 5.8 ޓްރިލިއަން ޑޮލަރު ހަރަދު ކުރި އިރު ހަނގުރާމަތަކުގައި ބައިވެރިވެ ރިޓަޔާ ކުރި ފަރާތްތަކާއި އެކިއެކި އަނިޔާ ލިބިގެން ވަކިވެފައި ވާ ފަރާތްތަކުގެ އިނާޔަތުގެ ގޮތުގައި ކުރިއަށް އޮތް 30 އަހަރަށް 2.2 ޓްރިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭ ކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ.
އެމެރިކާ އަކީ ސްޕޮންސާ ކޮންގެންވެސް ގިނަ ހަނގުރާމަތަކެއް ކުރުވާ ގައުމެކެވެ. އެގޮތުން ލީބީއާގެ ޒައީމް ކާނަލް މުއަމަރުން ގައްޒާފީ އަވަހާރަ ކޮށްލުމަށް ނޭޓޯ އިން ކުރި ހަނގުރާމަ އާއި އިޒްރޭލުން ފަލަސްތީނާއި މެދުއިރުމަތި ސުންނާފަތި ކުރަން ކުރާ ހަނގުރާމަ ހިމެނެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް އެމެރިކާއިން ކުރަނީ އިޒްރޭލަށެވެ. އެގޮތުން 2028 އަންނަންދެން ކޮންމެ އަހަރަކު އިޒްރޭލަށް 3.8 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދޭން އެމެރިކާއިން ވަނީ އެއްބަސްވެފައެވެ. އިޒްރޭލު އުފެދުނީއްސުރެ މިހާތަނަށް އެކި ފަހަރުމަތިން އަސްކަރީ ހޭދައަށް އިޒްރޭލަށް އެހީގެ ގޮތުގައި 259 ބިލިއަން ޑޮލަރު އެމެރިކާއިން ދީފައި ވެއެވެ.
އަދި އިޒްރޭލުން ގާޒާ ސުންނާފަތި ކުރުމުގެ ހަނގުރާމަ ފެށިފަހުން އިތުރު 17 ބިލިއަން ޑޮލަރުގެ މާލީ އެހީ ދީފައި ވެއެވެ. އެފައިސާ ހަރަދު ކުރާ ކަންކަމުގެ ތެރޭގައި އަސްކަރިއްޔާގެ އެކި އެކި ކަންކަމާއި މިސައިލުން ދިފާއުވާ ނިޒާމުތައް ފައްކާ ކުރުމާއި ހަތިޔާރު ހޯދުން ހިމެނެއެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފެށިފަހުން މިހާތަނަށް 56،067 މީހަކު ޝަހީދު ކޮށްލައި 131،484 މީހަކު ޒަހަމްކޮށްލާފައި ވެއެވެ.
އެމެރިކާއިން ހަނގުރާމައަށް ކުރާ ހޭދަ އާއި ހަނގުރާމައަށް ވަނުމާއި އެކިއެކި ފަރާތްތައް ލައްވާ ހަނގުރާމަ ކުރުވުމުގައި ކުރި ހޯދާފައި ވާ އިރު އާ ޓެކްނޮލީއާއެކު ހޭދަ އިތުރުން އަސްކަރިއްޔާ ފުޅާކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖައްވުގައި ހަތިޔާރު ބެހެއްޓުމުގެ މަސައްކަތް ފަށާއި އެކަމަށް އިންވެސްޓް ކުރަން އެމެރިކާއިން ވަނީ މަސައްކަތް ފަށާފައެވެ.