އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ބަންދުވުމުގެ ކުރިންވެސް އިޒްރޭލުގެ ބައެއް ވަޒީރުން ޖޯޝު އާކޮށް އުފާފާޅުކުރުމުގެ ޝުއޫރުތައް ސޯޝަލްމީޑިއާއަށް ދޫކޮށްލިއެވެ. އޭގެ އެކަކީ ކަނާތުފިޔައިގެ ހަރުކަށި ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބިން ގަވީރެވެ.
އޭނާ އިނގިރޭސިން ކުރި ޓްވީޓެއްގައި އަތުގެ ބައިސެޕްސް ދައްކާލައި އިމޯޖީ އަކާއެކު އެމެރިކާ އަދި އިޒްރޭލުގެ ދިދައާއެކު ޖަހާފައި ވަނީ “Yesssss” އެވެ.
ޓްރަމްޕަކީ އިޒްރޭލުގެ ބޮޑު ސަޕޯޓަކަށް ވާ އިރު އޭނާގެ ކުރީގެ ވެރިކަމުގައި އެތައްބަޔަކު ދެކޮޅު ހަދަހަދާ އޮއްވާވެސް ވަނީ އެމެރިކާގެ އެމްބަސީވެސް ޖަރޫސަލަމަށް ބަދަލު ކޮށްފައެވެ. އަދި އެ ވެރިކަމުގައި އޭނާ ވަނީ އިޒްރޭލުން ހިފާފައި ވާ ސީރިއާގެ ގޯލާނުގެ އުސްބިންތަކަކީ އިޒްރޭލުގެ ބައެއް ކަމުގައި އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރު މޭޖާ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލީވެސް ޓްރަމްޕުގެ އޯޑަރަށް އެމެރިކާއިންނެވެ.
ޓްރަމްޕްގެ ކާމިޔާބީ އާއެކު ނަތަންޔާހޫވަނީ އޭނާ އާއި އަންހެނުން ޓްރަމްޕާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ވައިޓް ހައުސް އަށް ޓްރަމްޕް އެނބުރި ވަޑައިގަތް ތާރީހީ ކާމިޔާބީ އަކީ އިޒްރޭލާއި އެމެރިކާގެ ވަރުގަދަ ގުޅުމުގެ އާ ފެށުމެއް ކަމަށް ބުނެފައެވެ.
ޓްރަމްޕް ވަޑައިގަތުމުގެ އުފާ އިޒްރޭލުން ފާހަގަ ކުރާ އިރު، އިންތިހާބުގެ ކުރިން އިޒްރޭލުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ 65 ޕަސެންޓް ބުނެފައި ވަނީ ވެސް އެމީހުން އެދެނީ ޓްރަމްޕް ވެރިކަމަށް އައުމަށް ކަމަށެވެ. އަދި ޔަހޫދީން ކަމަށް އެބަޔަކު ބުނެ ވޯޓުލީ މީހުންގެ މެދުގައި އެ ޕަސެންޓް މާ މައްޗެވެ. އެ ވޯޓުގެ ނަތީޖާއިން ދައްކަނީ 72 ޕަސެންޓް މީހުން ބޭނުންވީ ޓްރަމްޕް އައުމަށް ކަމަށެވެ.
އެމެެެރިކާގެ ރައީސަކަށް ވަޑައިގަންނަވާނެ ބޭފުޅަކާމެދު ނަތަންޔަހޫ ޖަހަމުން ގެންދިޔަ ހިސާބުވެސް ދިމާވީއެވެ. އަދި ކެމްޕެއިންގެ ތެރޭގައި ޓްރަމްޕް ވިދާޅުވަމުން ގެންދެވި ވާހަކަވެސް ދިމާވީއެވެ. އޭނާ ވިދާޅުވެފައި ވަނީ، 'ވައިޓްހައުސްގައި ޓްރަމްޕް ހުންނެވުމަށް ވުރެ ވަކި ރަނގަޅު ރަހުމަތްތެރިއެއް ޔަހޫދީންނަށް ނުލިބޭނެ' ކަމަށެވެ.
ގޯލާނުގެ އުސް ބިންތަކުގެ ތިންބައިކުޅަ ދެބައި އިޒްރޭލުން އަތްދަށުލައިފައި ވާ އިރު، މިހާރު އިޒްރޭލުން ގާޒާ ހިފުމަށް ކުރާ ހަނގުރާމައިގައި ވެސް ޓްރަމްޕު ބުރަވެވަޑައިގަންނަވާނީ އިޒްރޭލު ކޮޅަށް ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި އިޒްރޭލާއި އަރަބިން ދުލްހަ ކުރުމަށް އޭނާ އިސްވެ ފެއްތެވި 'އަބްރަހަމް އެކޯޑްސް' ގެ ދަށުން އިތުރު ގައުމުތަކާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމު ކުރުވައި އިޒްރޭލު އެދޭގޮތަށް މެދުއިރުމަތި ބައްޓަން ކުރައްވާނެ ކަމަށް ވެސް މުރާސިލުން ބުނެއެވެ. މިހާރު އަބްރަހަމް އެކޯޑްސްގައި ބަހްރައިން، ޔޫއޭއީ، މޮރޮކޯ އަދި ސޫދާން ވަނީ ބައިވެރިވެފައެވެ.
ކެމްޕެއިންގެ ތެރޭގައި ނަތަންޔާހޫ އެމެރިކާއަށް ދިޔަ ވަގުތު ޓްރަމްޕްގެ ރިޒޯޓް މާރް-އެ-ލާގޯ އަށް ނަތަންތާހޫ ގެންދަވާ ގާތްކަމާއި ރަހުމަތްތެރިކަން އޮތް މިންވަރު ވަނީ ހާމަ ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، ނަތަންޔާހޫ އާއެކު އޮންނަ ގުޅުން ބަދަހި ކުރައްވަން ނުހަނު ބޭނުންވާ ކަމަށެވެ.
ވައިޓް ހައުސް އަށް ޓްރަމްޕް ވަޑައިގަތުމާއެކި، އެތައް ބަޔަކު ވަކާލާތު ކުރަމުން އަންނަ އަދި ފަލަސްތީނުގެ ރައްޔިތުން ހުވަފެން ދެކެމުން އަންނަ 'ޓޫ ސްޓޭޓް ސޮލިއުޝަން' ނުވަތަ އިޒްރޭލު އޮތް ގޮތަށް ފަލަސްތީނުގެ ދައުލަތް ގާއިމުކޮށް ބަލައިގަތުމުގައި ވެސް ސިއްކަ ޖެހުނީ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ދެ ދައުލަތުގެ ވާހަކަ އަކީ ނިމެމުން މިދާ ބައިޑަންގެ ސަރުކާރުން ދެއްކި ވާހަކައެއް ނަމަވެސް އެއީ ޓްރަމްޕުގެ އެޖެންޑާގައި ހިމެނޭ ކަމެއް ނޫނެވެ.
ޓްރަމްޕް ވަޑައިގަތުމާއެކު އިޒްރޭލަށް އީދު އައިސްފައި ވާ އިރު މިއީ އިޒްރޭލުން ގާޒާގައި މިހާރުވެސް ކުރިއަށް ގެންދާ ގަތުލުއާންމު ބިރެއް ޖެހިލުމެއް ނެތި ކުރިއަށް ގެންދިޔުމަށް ނަތަންޔާހޫ ލިބުނު ލައިސަންސެއް ކަމަށް މުރާސިލުން ބުނެއެވެ. އެހެނީ ނަތަންޔާހޫ އާއި ޓްރަމްޕަކީ ސިޔާސީ ފައިދާއަށް ވުރެ ބޮޑަށް އަމިއްލަ ފައިދާ އިސްކުރާ ފަރާތްތަކެއް ކަމަށާއި އެއީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނީމައި އުޅޭހެން އުޅޭ ދެބޭފުޅުން ކަމަށެވެ.
ޓްރަމްޕުގެ މެދުއިރުމަތީގެ ސިޔާސަތު އަދި އާންމުކޮށް އިއުލާން ކުރައްވާފައި ނުވި ނަމަވެސް އެއީ ބަދަލެއް ވާނެ ސިޔާސަތެއް ނޫންކަމަށް ގިނަ ބަޔަކު ދެކެވެ. އަދި ވިޔަސް ވާނީ ހަރުކަށި ކަމަށާއި އިޒްރޭލުން ބޭނުންވާހާ ގޮތަކަށް ގަތުލުއާންމު ހިންގައި ބިންތައް ހިފަން ފުރުސަތު ދެއްވާނެ ކަމަށް ބުނެއެވެ.