ގާޒާ ހަނގުރާމައަށް 9 މަސް ވެގެން ދިޔަ އިރު ހައިހޫނު ކަމުގައި އެތައް ކުދިންނަކާއި އެތައް ބަޔަކު މަރުވެ ހިނގައްޖެއެވެ.
އިޒްރޭލުގެ ގަތުލުއާންމުގައި ބަޑިއާއި މިސައިލާއި ބޮމުން ދޭ ހަމަލާ ތަކާ ހިލާފަށް, ކާންބޯން ނުދީ ނުވަތަ ހެދިބޮޑުވުމަށް ބޭނުންވާ ކާނާ ނުދީ ލަސްލަހުން ބަނޑަށް މެރުމަކީ އެއްފަހަރުން މަރާލުމަށް ވުރެ ވޭން ދެނިވި އަނިޔާއެކެވެ.
ހަނގުރާމަ ފެށިގެން އައި އިރު އުމުރުން 9 އަހަރުގެ ޔޫނިސް ޖުމާ އަކީ ސިއްހަތު ރަނގަޅު ހެޔޮ ހާލުގައި ހުރި ކުއްޖެކެވެ. އެ އުމުރުގެ އެހެން ކުދިންނެކޭ އެއްގޮތަށް ޔޫނިސްވެސް ކުޅެ ސަކަރާތް ޖަހާ ހެދިއެވެ. އާއިލާގެ މެންބަރުންނާއެކު އުފާވެރި މާހައުލެއްގައި ކައިބޮއެ ހެދިއެވެ.
އޮކްޓޯބަރު 7, 2023 ގައި އިޒްރޭލުން ގާޒާ ހަނގުރާމަ ފެށުމާ އެކުއެކީހެން ގާޒާގެ ހުރިހާ ހިދުމަތެއްގައި ތަޅުއެޅުވިއެވެ. ފެނާއި ކާބޯތަކެއްޗާއި ބޭހާއި ތެލާއި, ކަރަންޓުގެ ހިދުމަތްތައް ލިބުމުން ގާޒާގެ ތައްޔިތުން މަހުރޫމް ކުރިއެވެ.
އަނގަމަތި ޖަލެއްގެ ގޮތުގައި އޮތް ގާޒާއަށް އެ ހުރިހާ އަސާސީ ހިދުމަތެއް ލިބެނީ އިޒްރޭލުން ދިނިއްޔާއެވެ. އެހެން ކަމުން ޔަހޫދީ އިޒްރޭލުގެ ނުބައި ނިންމުމަކީ ހުރިހާ ހިދުމަތަކުން ގާޒާގެ ރައްޔިތުން މަހުރޫމްކޮށް ބަނޑަށްވެސް މެރުމެވެ.
އުމުރުން 9 އަހަރުގެ ޔޫނިސް މިއަދު ފެންނަ މީހަކު ހިތް ފަޅައިގެންދާނެއެވެ. ހަމަ ހޭވެރިކަން ނެތި ހޮސްޕިޓަލްގެ އެދުމަތީގައި އޭނާ އޮތް އިރު އަތެއް ފަޔެއްގެ ފަލަމިނަކީ އަލިފާންދަނޑިއެކޭ ބުންޏަސް ގޯހެއް ނުވާނެއެވެ. ހަށިގަނޑު ހިކި އަނަރޫފަވެގެން ގޮސް މަސްތައް ވިރި މޭކަށިގަނޑު ނުކުމެފައި ވާ އިރު މޫނުގެ ސިފަވެސް މުޅިންވަނީ ބަދަލުވެފައެވެ.
"އަހަރެންގެ ދަރިފުޅަކީ ސިއްހަތު ސަލާމަތުން ހުރި ފުރިހަމަ ކުއްޖެއް, މިއަދު އަހަރެންގެ ދަރިފުޅު ފެންނަން އޮތް ގޮތް މިއޮތީ, ދަރިފުޅަށް މިހާލު ޖެހުނީ ހެދިބޮޑުވުމަށް ބޭނުންވާ ކާނާ ނުލިބި, ބޯނެ ފެންފޮދެއްވެސް ނުލިބިގެން" ޣާނިމާ ޖުމާ ބުންޏެވެ.
ޣާނިމާ ބުނީ, ފުޅީފައި ބަންދުކުރި އެންމެ ފެންފުޅިއެއްވެސް މިހާރު ނުލިބޭ ކަމަށާއި, ފެން ހޯދަން ކުދިބޮޑު އެންމެން އެތައް ދުރަކަށް ދަތުރުކޮށްގެން ލިބޭ ފެންފޮދުވެސް ހުންނަނީ ތަޣައްޔަރުވެފައި ކަމަށެވެ.
ހާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލްގެ ކޮރިޑޯގައިވެސް ހަމަ އެމުރުގެ ކުއްޖަކު އޮތެވެ. އުމުރުން 5 އަހަރުގެ ތާލާ އިބްރާހިމް މުހައްމަދު އަލް ޖަލަތު ނަމަކަށް ކިޔާ އެ ތުއްތު ކުއްޖާ ހޭލާ އޮތަސް ހަރަކާތެއް ނުކުރެއެވެ. ތާލާ އަށް ވެސް ޔަހޫދީން ދީފައިވާ އަނިޔާ އަކީ ޔޫނިސް އަށް ވެސް ދީފައިވާ އަނިޔާއެކެވެ. ރަނގަޅު ކާނާއާއި ބޯފެން ލިބުމުން މަހުރޫމް ކޮށް ބަނޑަށް މަރުވާން ދޫކޮށްލީއެވެ.
ހޭލާ އޮތަސް ހަރާކާތެއް ނެތް ތާލާގެ ގާތުގައި އޭނާގެ ބައްޕަ އިބްރާހިމް މުހައްމަދު އަލް ޖަލާތު އިށީނދެލައިގެން އިނެވެ. ފަރުވާތެރިކަމާއެކު އޭނާ އިނީ, ތިއްކަކު ފުލު ތިއްކެއް ޖަހަމުން ދާ, ދަރިފުޅުގެ އަތަށް ގުޅާފައި ހުރި އައިވީ ފުޅިއަށް ގުޑުމެއް އެރިއަ ނުދިނުމަށެވެ. ކާނެ އެއްޗެއް ބޯނެ އެއްޗެއް ނެތް ތާލާގެ ދިރިހުރުމަށް މިވަގުތަށް ކޮންމެހެން ބޭނުންވާ އެ އައިވީގެ އެންމެ ތިއްކެއްވެސް ބޭކާރުވުމަކީ އިބްރާހިމް އެދޭ ގޮތަކަށް ނުވާތީއެވެ.
"ކަންތައްތައް ވަރަށް ގޯސް, ހޫނުމިން އެހާމަތި, 40 ޑިގްރީ ފަހަނައަޅާ ގޮސް ހޫނުކަން ހުރި އިރު ސާފު ފެންފޮދެއް ލިބެން ނެތްއިރު ކުރެވޭނެ އުއްމީދެއް ދެން ނެތް" އިބްރާހިމް އެވާހަކަ ދެއްކީ އޭނާގެ ދަރިފުޅުގެ ހާލާއި ދިރިހުރުމަށް ލިބޭނެ އިތުރު ފުރުސަތެއްގެ އުއްމީދެއް ފެންނަން ނެތުމާއެކު އެންމެ ގާތީ މަރުކަން ހަނދާން ކުރަމުންނެވެ.
ޑޮކްޓަރުން ބުނާގޮތުގައި, ގެދޮރު ގެއްލި ޝިފްޓް ބަހައިގެން އެތައް ބަޔަކު ތޮއްޖެހި ނިދާ ހަދަން ޖެހިފައިވުމުގެ އިތުރުން ސާފުތާހިރުކަން ގެއްލި ކާބޯތަކެއްޗާއި ބޭހާއި ސާފު ބީޯފެން ލިބެން ނެތުމުން ދެން ފެތުރިގެންދާ ބަލިމަޑުކަމުގެ ނުރައްކާވެސް އެހާ ބޮޑެވެ. އެގޮތުން ހެޕަޓައިޓިސް އޭ އާއި ސީ ފަދަ ބަލިތައް މިހާރުވެސް ފެތުރެމުން ދާ ކަމަށާއި އެއީ ފުރާނައަށް ނުރައްކާ ބަލިތައް ކަމަށް ޑޮކްޓަރުން ބުނެއެވެ.
ހާން ޔޫނިސް އަށް ބޯފެން ލިބޭ 200 ކިލޯމީޓަރުގެ 170 ހޮޅި އެއްކޮށް ވަނީ ހަލާކު ކޮށްލާފައެވެ. އަދި ފެންވަޅުތަކާއި ފެން ރައްކާކޮށްފައި ހުރި ޓޭންކުތައް ވަނީ ގޮއްވާލާފައެވެ. އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދޭ ފަރާތްތަކަށް ހުއްދަ އޮންނަނީ ދުވާލަކު 200 ޓްރަކުގެ ތަކެތި ގާޒާއަށް ވެއްދުމަށެވެ. އެ ތަކެތީގެ ތެރޭގައިވެސް އިޒްރޭލުން ބަލައި ފާސްކޮށް ހިތްހަމަ ނުޖެހޭ އެއްޗެއް ހުރިއްޔާ ނަގާ ނުވަތަ އިޒްރޭލުގެ ހައްދަފަހަނައަޅާފައިވާ އާންމުން އަރައިގަނެ ހަލާކުކޮށް ހަދައެވެ. މަދުވެގެން ދުވާލަކު 500 ޓްރަކުގެ އެހީގެ ތަކެތި ބޭނުންވާ ތަނަކަށް 200 ޓްރަކަށް ވެސް ނުވަދެވޭ އިރު ހާލަތު އަންދާޒާ ކޮށްލަން އިނގެއެވެ.
އިޒްރޭލުން ގަތުލުއާންމު ފެށިފަހުން މިހާތަނަށް 37,000 މީހަކު ވަނީ ޝަހީދު ކޮށްލައިފައެވެ. ޒަހަމް ކޮށްލި މީހުންގެ އަދަދު 85 ހާސް ފަހަނައަޅާ ގޮސްފިއެވެ. ގެއްލި އަދި ވީނުވީއެއް ނޭނގޭ އެތައްހާސް ބަޔަކުވެސް ވެއްޖެއެވެ. މުޅި ގާޒާގެ ދެބައިކުޅަ އެއްބައި ގެދޮރު އެކީއެކަށް ގޮއްވާލައި ބިނާ ހަމަކޮށްފިއެވެ.
ބަޔަކު ރީތިކޮށް ދިރިއުޅެމުން ދިޔަ ތަނެއް މިއަދު ފެންނަނީ ވީރާނާ ކޮށްލައިފައިވާ ސަރަހާއެއްގެ ގޮތުގައެވެ. ދިރުމެއް, ރޫހެއް, އުއްމީދެއް ވެސް ނެތެވެ. ޔަހޫދީ އިޒްރޭލުން އޮތީ މުޅި ގާޒާ ފުނޑުފުނޑު ކޮށްނުލެވެނީސް އަތް ދޫކޮށްލައި ގޮތަކަށް ނޫނެވެ.
ދާދިފަހުން ނިމުނު އިރާގު ހަނގުރާމައިގައި އެމެރިކާއިން އިރާގަށް ނާޅާހާ ގިނަ ބޮމާއި ގޮވާތަކެތި އިޒްރޭލުން ގާޒާއަށް އަޅައިފިއެވެ. އެމެރިކާއިން އިރާގުގައ ނުމަރާހާ ގިނަ މީހުންނާއި ކުޑަކުދިން އެންމެ 9 މަސްތެރޭގައި އިޒްރޭލުން މަރައިފިއެވެ.