ކެނޯއެއްގައި މޫދަށް ނުކުތް ފަހުން ހަބަރު ނުވެގެން ހޯދަމުން ދިޔަ ޒުވާނާ ހުރީ ރ. ދުވާފަރުގައި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ބުނީ، ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކެނޯއެއްގައި ފުރި ފަހުން ހަބަރެއް ނުވާކަމުގެ ރިޕޯޓު ލިބުނީ މިރޭގެ 8:43 ހާއިރު ކަމަށެވެ.
އަދި އެ ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކައިރި ރިސޯޓްތަކުގެ މީހުން ވެސް ދިޔައީ ކުރަމުންނެވެ. އެއީ އެ ރިސޯޓްގައި މަސައްކަތް ކުރާ އުމުރުން 35 އަހަރުގެ ދިވެހި މުވައްޒަފެކެވެ.
އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ ކެނޯއެއްގައި މޫދަށް ނުކުތް ގޮތަށް ހަބަރު ނުވެގެން ހޯދަމުން ދިޔަ ޒުވާނާ އެ އަތޮޅު ދުވާފަރުން ފެނިފައިވާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައި ނުވެއެވެ.
ފުލުހުން ވަނީ މިއަދު ޑިންގީއެއްގައި ގދ. ގައްދޫއިން ގދ. ގަމަށް ދަތުރުކުރި 75 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ވެސް ފަށާފައެވެ. މިއަދު ހެނދުނު 9:30 އެހާކަންހާއިރު ކަމަށާއި، އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 17:05 އެހާކަންހާއިރު އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާއިރު ސަމާލުވުމަށާއި، ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރުތައް ނޫނީ ނުކުރުމަށް އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.