ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ މިރޭގެ 19:30 އިން ފެށިގެން 23:300 އަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ.

އެގޮތުން އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މިއަދު މެންދުރު ފަހުން ފެށިގެން މާލެއަށް ވިއްސާރަ ކުރަމުންދާއިރު ބައެއް މަގުތަކުގައި ފެންބޮޑުވެ އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ވަނީ ފެން ވެސް ހިންދާފައެވެ.

ރީނދޫ ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކައި ނެރޭ ސަމާލެކެވެ. މި ސަމާލު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.