ޔޫކޭ އަދި ޔޫރަޕްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، (މިފްކޯ)ގެ އުފެއްދުންތައް ބްލެކް ލިސްޓު ކުރި ވާހަކަ ސަރުކާރުން ދޮގު ކޮށްފިއެވެ.
ޗެނަލް 13 އިން ގެނެސްދިން ހަބަރެއްގައި ބުނެފައި ވަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫރަަޕުންނާ ޔޫކޭއިން މިފްކޯ ބްލެކްލިސްޓުކޮށް ބޭންކޮށްފަައިވަނީ އޮޑިޓަކުން ފެއިލްވެެގެން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހަބަރުގައި ހިމަނާފައި ނުވެއެވެ.
އެ ހަބަރާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް، އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.
އެގޮތުން އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އަންނަ ހަފްތާގައިވެސް ޔޫކޭގެ މޭޖާ ބަޔަރެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް މިނިސްޓަރު ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށާއި މިފަދަ ސިނާއަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ގައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ނޫސްތަކުން ހަގީގަތާ ހިލާފު މިފަދަ މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއް ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް މެނިފެސްޓޯގައި ހިމަނާފައިވާއިރު، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައި އޮތް އެކިއެކި މައްސަލަތަކަށް ހައްލު ހޯދައިދީ، މަސްކިރޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމާއި، މަސް ރައްކާކުރާނެ އިތުރު ސްޓޯރޭޖް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ހަމަ އެހެންމެ މަސްވެރިން އަބަދު ވެސް ފާހަގަކުރާ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ ކިރާ މަހަށްވާ ފައިސާ ލިބުމުގެ ދަތިކަން ހައްލުކޮށް 48 ގަޑަިއިރުތެރޭ ފައިސާ ލިބޭނެ އިންތިޒާމު މިސަރުކާރުން ވަނީ ހަމަޖައްސާދީފައެވެ.