އެމްޑީޕީން މާދަމާރޭ ކުޅުދުއްފުށީގައި ބާއްވާ ބޮޑު ޖަލްސާއަށް ޕާޓީގެ މެންބަރުން މިރޭ މާލެއިން ފުރަން ނިންމި ދަތުރު ފަސްކޮށްފިއެވެ.

އެ ޕާޓީއަށް 20 އަހަރު ފުރުމާ ގުޅިގެން ކުޅުދުއްފުށީގައި ބާއްވާ ބޮޑު ޖަލްސާއަށް ދިއުމަށް ކުޅުދުއްފުށީ ބޯޓެއް ކަމަށްވާ "ބާދުސާހް ބޯޓް" ފުރަން ހަމަޖެއްސީ މިރޭ 9:00 ގައި އެމްއެމްއޭ ކުރިމަތިންނެވެ.

މި ދަތުރަށް ތައްޔާރުވުމުގެ ގޮތުން މިއަދު މެންދުރުފަހު ވަނީ ފޯރިއާއެކު ބޯޓުގައި އެ ޕާޓީގެ ދިދަ ފަތިތައް ދަމާ ދަތުރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މިރޭ ބާދުސާހު ބޯޓުން ކުރަން ހަމަޖެހިފައިވާ ދަތުރު ފަސްކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. އެކަމަކު ފަސް ކުރި ވަކި ގަޑިއެއް ހާމަކޮށްފައި ނުވާއިރު އެ ޕާޓީން ބުނީ، ގިނަ ބަޔަކާއެކު ކުރާ މިދަތުރަކީ މިފަދަ މޫސުމެއްގައި ކުރަން އެންމެ ރަނގަޅު ދަތުރެއް ނޫން ކަމަށެވެ.

އެމްޑީޕީ ޖަލްސާއަށް ދިއުމަށް ބާދް ސާހު ބޯޓު ތައްޔާރުކުރަނީ / ފޮޓޯ: އެމްޑީޕީ

އެހެން ކަމުން މިރޭ ކުރަން ހަމަޖެހިފައިވާ ދަތުރު ފަސްކޮށް، ފުރާނެ ގަޑިއެއް ފަހުން އާންމު ކުރާނެ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި މޫސުން ތަންދޭ ނަމަ ހޮނިހިރު ދުވަހުގެ ރޭ ޕާޓީގެ ބޮޑު ޖަލްސާ ކުޅުދުއްފުށީގައި އޮންނާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

މި ޖަލްސާގައި ބައިވެރިވުމަށް ޕާޓީގެ ބައެއް އިސް މެންބަރުން ވަނީ މިހާރު ކުޅުދުއްފުއްޓަށް ގޮސްފައިވާއިރު އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެހެން މެންބަރުން ހިމެނެއެވެ.

އެމްޑީޕީން މިފަދައިން ނިންމިއިރު މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އެގޮތުން އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ޖަލްސާތަކެއް ބާއްވަން ނިންމާފައިވާއިރު އެންމެ ގިނަ މީހުން ދިރިއުޅޭ މާލޭގައި ޖަލްސާ ބާއްވާނީ އެންމެފަހުން އޯގަސްޓު މަހުގެ ތެރޭގައެވެ. މީގެ އިތުރުން ވެސް މުޅި އަހަރަށް ބަހާލައިގެން އެ ޕާޓީން ވަނީ އެކި ކަންކަން ހިންގަން ރާވާފައެވެ.