އީރާންގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާއި ގުޅިގެން އެ ގައުމުގެ ވަގުތީ ރައީސްކަމަށް އައްޔަން ކޮށްފައި ވަނީ ފުރަތަމަ ނައިބު ރައީސް މުހައްމަދު މޮހްބަރުއެވެ. ކުރީގެ ފުރަތަމަ ނައިބު ރައީސް ވަނީ ހޯމަ ދުވަހުގެ ހެނދުނު ޝަރުއީ ދާއިރާގެ އިސްވެރިޔާ އުލަމްހުސައިން މުހުސެނީ އެޖޭ އާއި މަޖިލީހުގެ ރައީސް މުހައްމަދު ބައްރް އަލިބާފްއާއި ބައްދަލުކުރައްވާފައެވެ. ގާނޫނު އަސާސީގައިވާ ގޮތުން 50 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބެއް ބޭއްވުމުގެ މަސައްކަތް މި ތިން ބޭފުޅުން ކުރައްވަންޖެހެއެވެ.

އެހެން ގައުމުތަކާ ހިލާފަށް އީރާނުގެ ފުރަތަމަ ނައިބު ރައީސްގެ މަގާމަކީ އިންތިހާބަކާ ނުލާ އައްޔަންކުރާ މަގާމެކެވެ. އީރާނުގައި އެއްފަހަރާ ނައިބު ރައީސް ކަމަށް އައްޔަން ކުރެވިފައިވާ ގިނަ ބޭފުޅުން ތިއްބަވާއިރު، ކޮންމެ ބޭފުޅަކު ވެސް އެގްޒެކެޓިވް އެފެއާޒްގެ އެކި ކަންކަން ނަންގަވާ ނަމަވެސް ގިނައިން ހިންގަވަނީ ކެބިނެޓެއް ފަދައިންނެވެ.

ފުރަތަމަ ނައިބު ރައީސް މޮހްބަރަކީ ކާކު؟

މޮހްބަރުގެ މަގާމަކީ ނައިބު ރައީސުންގެ ތެރެއިން އެންމެ މަތީގައި އޮތް މަގާމެވެ. އެމަނިކުފާނު ފުރަތަމަ ނައިބު ރައީސަށް ހޮވިވަޑައިގަތީ، ރައިސީ އާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ފަދައިން ސުޕްރީމް ލީޑަރުގެ މަގާމާ ވެސް ވަރުގަދަ ގުޅުމެއް އޮތުމުންނެވެ.

މޮހްބެރު ފުރަތަމަ ނައިބު ރައީސް ކަމަށް، ރައިސީ އައްޔަން ކުރެއްވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއްނުވެ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. މޮހްބެރު އަކީ 1989 ވަނަ އަހަރު އިރާނުގެ ގާނޫނު އަސާސީ އިސްލާހު ކުރި ފަހުން އެ މަގާމުގައި އަދާކުރެއްވި ހަތް ވަނަ ބޭފުޅާއެވެ. އަދި ރައިސީގެ ވެރިކަމުގައި އެންމެ ނުފޫޒުގަދަ އެއް ބޭފުޅަކީވެސް މޮހްބެރުއެވެ.

އިރާނުގެ ފުރަތަމަ ނައިބު ރައީސްގެ ހައިސިއްޔަތުން މޮހްބަރު ވަނީ ސަރުކާރުގެ ތަފާތު ތަރައްގީގެ މަޝްރޫއުތައް އިފްތިތާހު ކުރުމަށް މުޅި ގައުމު ދަތުރުކޮށް، ރައިސީއާއެކު ނުވަތަ އަމިއްލައަށް ވަފުދުތަކުގައި އިސްކޮށް ހުންނަވައިގެން ގިނަ ދަތުރުތަކެއް ކުރައްވައިފައެވެ. ހަތިޔާރު ބަދަލުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަސްކަރީ އަދި ސަލާމަތީ އިސް އޮފިޝަލުންނާ އެކު މޮހްބަރު ވަނީ ރަޝިޔާއަށް ވަޑައިގެންނެވިކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ޓީމުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އިސް ދެ އޮފިޝަލަކާއި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އޮފިޝަލަކު ވެސް ހިމެނެއެވެ.

އީރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތަކާ ގުޅޭ ހަރަކާތްތަކުގައި ބައިވެރިވި ކަމަށް ބުނެ 2010 ވަނަ އަހަރު ޔޫރަޕިއަން ޔޫނިއަނުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރުދުންނާއި ޖަމާއަތްތަކުގެ ލިސްޓެއްގައި މޮހްބަރު ހިމެނިފައިވެއެވެ. އެހެންނަމަވެސް އޭގެ ދެ އަހަރު ފަހުން އެ ލިސްޓުން އޭނާގެ ނަން ވަނީ ވަކިކޮށްފައެވެ.

މޮހްބަރު އަދާކުރެއްވި ވަޒީފާތަކާ، މަސައްކަތްތައް

ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން މޮހްބަރު ވަނީ އީރާނުގެ ސެތާދު ނުވަތަ އިމާމް ހުމޭނީގެ އަމުރު ތަންފީޒުކުރާ ޖަމިއްޔާގެ އިސްވެރިއެއްގެ ގޮތުގައި 14 އަހަރު މަސައްކަތް ކުރައްވާފައެވެ. މޮހްބަރުގެ ކެރިއަރުގެ ކުރީކޮޅު ބޭންކިން އަދި މުވާސަލާތީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގެންނެވި އިރު، ހުޒެސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ވެރިޔާގެ މަގާމު އަދާކުރެއްވިއެވެ. އޭގެ ފަހުން 1990 ގެ އަހަރުތަކުގައި އެ ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ޕްރޮމޯޓްވެވަޑައިގެންނެވިއެވެ.

ސެތާދުއަކީ އީރާނުގެ ފުރަތަމަ ސުޕްރީމް ލީޑަރު އާޔަތުالله ރޫހުއްالله ހުމޭނީގެ ވެރިކަމުގައި އުފެއްދި ވަރަށް ބާރުގަދަ އިގްތިސާދީ ކޮންގްލޯމެރޭޓެކެވެ. އެ ކޮންގްލޯމެރޭޓަކީ ސަދަގާތުގެ ކަންކަމަށް ފޯކަސް ކުރުމަށް އުފައްދާފައިވާ ކޮންގްލޮމެރޭޓަކަށް ވާއިރު މިހާރު އެއީ ދިހަ ބިލިއަން ޑޮލަރުގެ އަގުހުރި އެއްޗެކެވެ. ކޯވިޑް-19 ފެށުނު ދުވަސްވަރު، މެދުއިރުމަތީގެ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އީރާނަށް އެންމެ ބޮޑަށް އަސަރުކުރި ދުވަސްވަރު ސެތާދުގެ އިސްވެރިއަކަށް ހުންނެވީ މޮހްބެރެވެ.