އިންޑިއާގެ ބިހާރުގެ ކަތިހާރަށް ނިސްބަތްވާ ފޫޅުމައި ސިރޯ ދޭވީ އާއި ހަކިޔާ ދޭވީ އަދި ދަރްމީ ދޭވީ ފަދަ ފޫޅުމައިންނަކީ ވިއްސި އެތައް ކުދިންނެއް މެރި ފޫޅުމައިންނެވެ.

އިންޑިއާގެ ރަށްފުށު ބައެއް ސަރަހައްދު ތަކާއި އަދި ނަސްލީ ބައެއް ގަބޫލު ކުރުންތައް ހުންނަ ބައެއް ސަރަހައްދު ތަކުގައި މިހާރުވެސް އަންހެން ކުއްޖަކު އުފަންވެއްޖެ ނަމަ އެފަދަ މަރުތައް ހިނގައެވެ.

1996 ގެ ތެރޭގައި ކަތިހާރުގެ މި ފޫޅުމައިންނަކީ، އާދަޔާ ހިލާފަށް ކުދިން މެރި ބައެކެވެ. އެމީހުންގެ ވާހަކައިން އެނގޭ ގޮތުން އެކަން ކޮށްފައި ވަނީ، އެ ކުދިންގެ މައިންބަފައިންގެ ޕްރެޝަރަށެވެ. ކަތިހާރުގެ ގަބޫލު ކުރުންތައް ހުރީ އަންހެން ދަރިންނަކީ ބަދު ނަސީބެއް ކަމަށާއި އެހެން ކަމުން އަންހެން ދަރިއަކު ވިހައިފި ނަމަ މެރުމަށެވެ.

ކަތިހާރުގައި ހިނގަމުން ދިޔަ އެ ނާތަހުޒީބު ޖަރީމާ ތަހުގީގު ކޮށް ރިޕޯޓު ކުރި އެންޖީއޯ އަކުން ބުނީ، އެމީހުން މައުލޫމާތު އެއްކުރި 30 ފޫޅުމައެއްގެ ފަރާތުން އެނގުނު ގޮތުގައި 1000 އެއްހާ އަންހެން ކުދިން ކޮންމެ އަހަރަކު އެމީހުން ވަނީ މަރާފައެވެ. ނަމަވެސް އެއީ ކިތައް އަހަރު ކަމެއް އެ ރިޕޯޓުގައި ފާހަގަ ކޮށްފައެއް ނުވެއެވެ.

އެންޖީއޯ އާ ވާހަކަ ދެއްކި ފޫޅުމައިންގެ ތެރެއިން ހަކިޔާ ދޭވީ ބުނެފައި ވަނީ، އުފަންވަނީ އަންހެން ކުއްޖެއް ނަމަ މެރުން ނޫން ގޮތެއް އެމީހުންނަށް ނޯންނަ ކަމަށާއި، ވިހާ ކޮޓަރިއަށް އެމީހުން ވަންނަ އިރު ކޮޓަރި ތަޅުލައި ލަޓިބުރި ހިފައިގެން ދޮރުކައިރީގައި އާއިލާގެ މީހުން ތިބޭ ކަމަށެވެ.

"އެމީހުން ބުނާނެ، މިހާރުވެސް 4-5 އަންހެން ދަރިން އާއިލާގައި އެބަތިބި، ދެން އިތުރުވެއްޖެ ނަމަ ތަނަވަސްކަން ދާނެ، އެ ކުއްޖާ ކައިވެނި ކުރާ އިރު ޑައުރީ [އަންހެން މީހާގެ ފަރާތުން ފިރިހެން މީހާގެ އާއިލާއަށް ދޭން ޖެހޭ ހަދިޔާ] ދޭން ޖެހުމުން އަހަރެމެން ބަނޑަށް ޖެހޭނެ، އޭނާ މަރާލައި"

މޮނިކާ އާ ދިމާވުމުން ސިރޯ ރޮނީ

އޭނާ ބުނީ، ގަންނާ ކުރައްވާ ބިރުން އެ ނޫން ގޮތެއް ނޯންނަ ކަމަށާއި މައްސަލަ ޖައްސާ ޝަކުވާ އުފުލާނެ ތަނެއް ވެސް ނެތް ކަމަށެވެ. އޭނާ ބުނީ އެ ފަދަ މައްސަލައަކައިގެން ފުލުހަށް ގޮސްފި ނަމަ އެމީހުންވެސް ތަޅާ އަދަބު ދޭނީ ފޫޅުމައިންނަށް ކަމަށެވެ.

އިންޑިއާގައި ގިނަ ފޫޅުމައިން ނިސްބަތް ވަނީ ދަށްފަންތީގެ ދަރިކޮޅަށް ކަމުން، އެމީހުންނަށް ވުރެ މަތީ ފަންތިއެއްގެ ފަރާތުން އަންގާ އެންގުމަކަށް ކިޔަމަން ނުވުމަކީ އެމީހުނަށް އިހުތިޔާރު އޮންނަ ކަމެއް ނޫނެވެ. އެ ގޮތުން އެމީހުން އަންގާ ކަންކަން ކުރުމުން ފޫޅުމައިންނަށް ސާރީ [ސާޅި] އެއް، ނުވަތަ ހަނޑޫ ލާއްސެއް، ނުވަތަ ކުޑަ ފައިސާ ކޮޅެއް ލިބެއެވެ. ބައެއް ފަހަރު އެ ވެސް ނުލިބޭ އިރު ފިރިހެން ދަރިއަކު ވިހައިފިނަމަ 1000 ރުފިޔާ އަދި އަންހެން ދަރިއަކު ވިހައިފި ނަމަ 500 އަށް ތިރިކުރެއެވެ.

އަންހެން ކުދިން މެރުމުގެ ސަގާފަތް އިންޑިއާގައި ފެތުރެމުން ދިޔައީ ޑައުރީ ދޭން ޖެހޭ މައްސަލައިގައެވެ. 1961 ގައި އެއީ ކުށެއް ކަމަށް ކަނޑައަޅައި އެ ސަގާފަތް ނައްތާލަން މަސައްކަތް ކުރި ނަމަވެސް މިހާރުވެސް ބައެއް ސަރަހައްދުތަކުގައި އެކަން ހިނގައެވެ. ކައިވެނީގެ ރަނެއްގެ ގޮތުގައި އަންހެން މީހާގެ ފަރާތުން ކާރާއި، ސައިކަލާއި، ގެއާއި، ދަނޑުބިމާއި ފައިސާ އާއި އެނޫންވެސް ބޮޑެތި ހަދިޔާތައް ދޭން ފިރިހެން މީހާއާއި އާއިލާގެ ފަރާތުން މަޖުބޫރު ކުރުވައެވެ. މިފަދަ އެތައް ހާދިސާތަކެއްގައި ޑައުރީ ނުދެއްކިގެން ކައިވެނި ނުވެވިގެން ކުރިމަތިވާ ލަދާއި ހިތާމައިގައި އަންހެން މީހާ މަރުވާން ޖެހިފައި ވެސް އެބަހުއްޓެވެ. އަދި ކައިވެންޏަށް ފަހުވެސް ފިރިހެން މީހާގެ ފަރާތުން ކުރާ އެފަދަ ޑިމާންޑްތައް [މަޖުބޫރުތައް] އާ ހުރެ ވެސް މަރާކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ.

އެންޖީއޯ އިން އާންމު ކުރި މި ރިޕޯޓުގައި ސިރޯ ދޭވީ އާ ކުރި އިންޓަވިއު ހިމަނާފައި ވާ އިރު އޭނާ ބުނެފައި ވަނީ، ފިރިހެން ކުއްޖަކު ނަމަ އެމީހުން ދެކެނީ އެއީ ބިންމަތީގައި އުޅެން ޖެހޭ ކުއްޖެއް ކަމަށާއި އަންހެން ކުއްޖެއް ނަމަ ދެކެނީ އެއީ ބިމު އަޑީގައި [ވަޅުލާން] ޖެހޭ ކުއްޖެއް ކަމަށެވެ.

އިންޑިއާގެ ތަފާސް ހިސާބުން ދައްކާ ގޮތުން ކޮންމެ 1000 ފިރިހެނަކަށް ތިބީ 947 އަންހެނުންނެވެ. އޭގެ މާނައަކީ އަންހެނުންގެ އަދަދު މަދުވުން ކަމަށް ވާއިރު ކަތިހާރުގައި ހިނގަމުން ދިޔަ މި ނުބައި ސަގާފަތް ހުއްޓުވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރީ އިޖުތިމާއީ މަސައްކަތްތެރިއެއް ކަމަށް ވާ އަނިލާ ކުމާރީ ކިޔާ މީހެކެވެ. އޭނާ އެ އަވަށަށް ގޮސް ފެށި ކެމްޕެއިނުގައި ފޫޅުމައިންނަށް ވިސްނައިދެމުން ދިޔައީ އެމީހުންގެ އަމިއްލަ ދަރިން މަރާނެ ތޯ އުފައްދާ ކުރަމުން ދިޔަ ސުވާލަކުންނެވެ. އެތައް އަހަރެއްގެ މަސައްކަތުން ކުދިން މެރުމުން ފޫޅުމައިން ދުރު ކުރިއެވެ. އެކަމުގައި އޭނާ ވަނީ އެކިއެކި އިޖުތިމާއީ މަސައްކަތް ކުރާ ޖަމާއަތްތަކުގެ ފަރާތުން ފޫޅުމައިންނަށާއި އަދި މާލީ އެހީތެރިކަމަށް ބޭނުން ޖެހިފައި ތިބި ފަރާތްތަކަށް މާލީ އެހީތެރިކަންވެސް ފޯރުކޮށް ދެމުންނެވެ.

"މިހާރު އެއްވެސް މީހަކު ދަރިއެއް މަރަން ބުނެފިއްޔާ އަހަރެން ބުނާނަން، އަހަންނަށް ދަރިފުޅު ދީ އަނިލާ މެޑަމް އަށް ގެންގޮސް ދޭން" ސިރޯ ބުންޏެވެ.

މި ގޮތުން ސަލާމަތް ވި އެކަކީ މިހާރު އުމުރުން 20 އިން މައްޗަށް ގޮސްފައި ވާ މޮނިކާއެވެ. އޭނާގެ މައިންބަފައިން އޭނާ މަރާލަން ބޭނުންވި ނަމަވެސް ސިރޯ ވަނީ އޭނާ ވިއްސާ އަނިލާ އާ ހަވާލު ކޮށްފައެވެ. އަމިލާގެ ބެލުމުގެ ދަށުން މޮނިކާ ބޮޑުވެފައި ވާ އިރު، 20 އަހަރު ފަހުން ސިރޯ އާއި މޮނިކާ ބައްދަލުވުމުން ސިރޯ ވަނީ ރޮއެފައެވެ.