ހުޅުމާލެ ފޭސް 1ގެ އިންޑަސްޓްރިލް ޒޯނުގައި ހުރި އެންސިސް ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ރައްކާތެރިކަމުގެ ގޮތުން އެ ސަރަހައްދާ ކައިރި ނުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 18:48 އެހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ ދުން ބޯވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެފައިވާކަމަށާއި، މިހާދިސާގެ ސަބަބުން ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެހެންކަމުން ޒަރޫރީ ބޭނުންތަކުގައި ނޫނީ އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށް ދާން ޖެހިއްޖެނަމަ މަގު ބޭނުންކުރާއިރު ހާއްސަ ސަމާލުކަމެއް ދީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން އެ ސަރަހައްދުގެ ކައިރި ހިސާބުތަކުގައި އުޅޭ ފަރާތްތަކުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލެއްޕުމަށާއި ބޭރަށް ނިކުންނަން ޖެހިއްޖެނަމަ މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ އެ އިދާރާއިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށާއި އެހެންކަމުން ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށްވެސް ވަނީ އެދިފައެވެ.