ޕީޕީއެމް އާއި ޕީއެންސީގެ ހަރަކާތްތަކަށް ފުލުހުން ހުރަސް އަޅައި، ހާލަތައި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިވުން އިދިކޮޅުން ކުށްވެރި ކޮށްފިއެވެ.

ޕީޕީއެމް ކޯލިޝަނުން ބުނީ، ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުކުމާ ދެކޮޅު ހަދައި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ރޭ ކުރިއަށް ގެންދިޔަ ހަރަކާތަށް ސަރުކާރުން ހުރަސް އަޅާ، ފުލުހުން މެދުވެރިކޮށް ހަރަކާތުގެ ބައިވެރިންނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެ ހަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ އިތުރުން ހަރަކާތުގެ ބައިވެރިންނާ މެދު ވަރަށް އަނިޔާވެރިކޮށް އަމަލުކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

އެގޮތުން އެ ހަރަކާތުގެ ބައިވެރިންގެ ލޮލާއި އަނގައާ ދިމާކޮށް ޕެޕާ ސްޕްރޭ ޖެހުމާއި، ބައިވެރިންގެ ތެރެއިން މީހުން ހައްޔަރުކުރި އިރު، އެ މީހުން ބިންމައްޗަށް ވައްޓާލައި އޮބިއެޅި މަންޒަރުތައް ވެސް ވަނީ ފެނިގެން ގޮސްފައި ކަމަށް އެ ޕާޓީން ބުނެއެވެ. ސަރުކާރާ ވާދަވެރިންގެ ހަރަކާތްތަކަށް ހުރަސް އަޅާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާ ކުރުމުގެ އަމަލުތައް ކުރަމުން ގެންދާ އިރު، ދާދި ފަހުން އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޕީޕީއެމް ޕީއެންސީގެ ހަރަކާތްތައް ހުއްޓުވައި އަޑު ކަނޑުވާލާނެ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާ އިންޒާރު ދެއްވާފައި ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.

ފުލުހުން ނުކުމެ ރައްޔިތުންނަށް އަނިޔާވެރިވެ، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާ ކުރުމާއި، ރައްޔިތުންގެ ލޮލަށާއި އަނގަޔަށް ޕެޕާ ސްޕްރޭ ޖެހުމުގެ މި އަމަލުތައް ބަލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަން ފަދަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި ހަރާކާތުގެ ތެރެއިން ހައްޔަރުކޮށްފައިވާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީނަށް ކުރި ހުކުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ ހަރަކާތުން ވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ. މާލޭގެ ރަސްފަންނުން ފެށި ހިނގާލުމުގައި ބައިވެރިން ގްރީންޒޯނާ ހަމައަށް ދާން އުޅުމުން ފުލުހުން ވަނީ ހުރަސް އަޅައި ޕެޕާ ސްޕްރޭ ޖަހާފައެވެ.

އިދިކޮޅުން މުޒާހަރާތައް ކުރިއަށް ގެންދަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ނިންމައި، 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވުމުންނެވެ. މި މުޒާހާރާތަކުގައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އެމަނިކުފާނަށް އަނިޔާ ކުރާ ކަމަށް ބުނެ އަނިޔާ ހުއްޓާލުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.