އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ 5 ސިޔާސީ ޕާޓީއެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10،000 މީހުން ހަމަވާ ޕާޓީތަކަށްކަން ބަޔާންކޮށްފައިވާއިރު ރާއްޖޭގައި މިވަގުތު ތިބި ސިޔާސީ ޕާޓީތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ޕާޓީތަކަކީ
1- ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
2- ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕަޓީ)
3- އަދާލަތު ޕާޓީ
4- ޖުމްހޫރީ ޕާޓީ
5- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލެޔަންސް (އެމްޑީއޭ)
އިލެކްޝަންސް ކޮމިޝަނުން ބުނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕީޕީއެމް އުވާލުމުގެ އިދާރީ ކަންކަން ކުރިއަށް ދާތީ އެ ޕާޓީއަށް ފައިސާ ދޫނުކުރާނެކަމަށެވެ.
މީގެ އިތުރުން އީސީން ބުނީ ބަޖެޓުން ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ފަސް ޕާޓީގެ ތެރެއިން ކޮންމެ ޕާޓީއަކަށްވެސް ދޫކުރާނެ ފައިސާގެ އަދަދު ކަނޑައަޅާނީ މިމަހުގެ ނިޔަލަށް ޕާޓީތަކުގައި މެންބަރުން ތިބި ނިސްބަތަށް ބަލައިގެންކަމަށެވެ.
މީގެކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން %0.1 އާއި %0.2 އާއި ދެމެދުގެ އަދަދެއް ނަމަވެސް ގާނޫނަށް ގެނެވުނު އިސްލާހާއެކު މިހާރު ވަނީ ބަޖެޓުން އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އާއި %0.2 އާއި ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޫކުރާގޮތަށް ނިންމާފައެވެ.