ވ. ތިނަދޫ ކައުންސިލުގެ ރައީސް ހޮވުމަށް މިއަދު ނެގި ވޯޓު، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝުޖާއު އަލީ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާ އިއުލާނުކުރިއިރު، ޝުޖާއު ވަނީ 90 ވޯޓު ހޯއްދަވާފައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އޭނާއާ ވާދަކުރެއްވި އަހުމަދު އަމަން މުހައްމަދަށް ލިބިވަޑައިގަތީ 46 ވޯޓެވެ.

ކުރިން ވ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ޝުޖާއު، ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި އެންމެ ފުރަތަމަ ކާމިޔާބު ކުރެއްވީ މިއަހަރުގެ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައެވެ. އޭރު އޭނާ އެ މަގާމަށް ހޮވުނީ ޖޫން މަހު އުވާލި ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައެވެ.

ނަމަވެސް، މަގާމުގެ ހުވާކުރެއްވިތާ ދެ ދުވަސް ފަހުން ޝުޖާއު އެހެން ޕާޓީއަކަށް ބަދަލުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުމާ ގުޅިގެން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ ޖުލައި މަހު ކަނޑައެޅިއެވެ.

މި މައްސަލައިގައި ގޮނޑި ހުސްވުމުން މިއަދު އަލުން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައި، ޝުޖާއު މިވަނީ ތިނަދޫ ކައުންސިލުގެ ރައީސްކަމުގެ މަގާމު ދިފާއު ކުރައްވާފައެވެ.