އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މުޅި މާލެއިން އިންތިހާބުކުރި 16 މެންބަރުންނަށް ވޯޓު ދިން ގޮތާއި ނެރެފައިވާ ނަތީޖާ ޝީޓާ ދިމާނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ތުހުމަތުތަކެއް ކުރައްވައިފިއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ދެކުނު ދާއިރާއިން މުޅި މާލޭގެ 16 ގޮނޑިއަށް ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަމަށް ނެރެފައިވާ ޝީޓުގައި ހުރި އަދަދުތަކަކީ ވޯޓުލާން ދިޔަ މީހުން ފާހަގަ ޖެހި ގޮތަށް ނެރެފައިވާ ނަތީޖާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ބައެއް ކެންޑިޑޭޓުންނަށް 200 ވަރަކަށް ވޯޓު އިތުރަށް ޖަހާފައި ހުރި ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

މާލެ އާއި އަތޮޅުތެރޭގައި އިއްޔެ ބޭއްވި މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިންތިހާބުގެ ބޮޑު މެޖޯރިޓީއެއް ހޯދާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒް އިސްމާއީލްގެ "ބޮޑު ބަދަލު" ޓީމުންނެވެ.

އެގޮތުން މުޅި މާލެ ސިޓީ ތަމްސީލުކުރާ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި "ބޮޑު ބަދަލު" ޓީމުން ކާމިޔާބު ކުރިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ތާއީދާއެކު ނުކުތް "ޓީމް އެމްޑީޕީ" އަށް ކާމިޔާބު ކުރެވުނީ އެންމެ ހަތަރު ގޮނޑިއެވެ.

މާލޭގެ އިތުރުން އެހެން ސިޓީތަކާއި އަތޮޅުތަކުގެ ގިނަ ގޮނޑިތައް ވެސް ކާމިޔާބުކޮށްފައި ވަނީ ނަޝީދާއި ފައްޔާޒުގެ ޓީމުންނެވެ.