ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގައި، އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ގޮނޑި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

މިއަދު ބޭއްވި އިންތިހާބުގައި ހުޅުދޫ ޑަބްލިއުޑީސީގެ ގޮނޑި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައިގެން ކަށަވަރުކުރެއްވީ ފާތިމަތު ނަބާހާއެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ފާތިމަތު މުނީރާ ވާދަކޮށް، ކުރިހޯއްދަވައިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި މި ބައި-އިލެކްޝަންތަކުގެ ތެރޭގައި ހިމެނެނީ ވ. ތިނަދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމުގެ އިތުރުން، ހއ. ވަށަފަރު، ވ. ތިނަދޫ އަދި ސ. ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމެވެ. މި އިންތިހާބުތަކުގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 3،700 އަށްވުރެ ގިނަ މީހުންނަށް ލިބިފައިވާއިރު، ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރުމަށްޓަކައި ޖުމްލަ 10 ވޯޓު ފޮށްޓެއް ވަނީ ބަހައްޓާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކަމާބެހޭ ރަށްރަށުގައި ބެހެއްޓި ފަސް ފޮށީގެ އިތުރުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ބެހެއްޓި ފަސް ވޯޓު ފޮށްޓެވެ.