ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލާ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފިއެވެ.
ޕީޕީއެމް އުވާލުމަށް އެޕާޓީގެ ސެނެޓުން ފާސްކުރީ ހުސްވި ޑިސެމްބަރު މަހު ކުރީކޮޅުއެވެ. ޕާޓީ އުވާލަން ފާސްކުރީ ސެނެޓުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ އިއްތިފާގުންނެވެ.
އެއާއެކު އީސީން ވަނީ ޕާޓީ އުވާލުމުގެ މަސައްކަތް ފަށާފައެވެ. އަދި އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެ ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެން ކަމުން މިއަދުން ފެށިގެން ޕީޕީއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ޕީޕީއެމް އުވާލަން އެ ޕާޓީގެ މެންބަރުން ނިންމާފައި ވަނީ މިހާރު ސަރުކާރު ހިންގާ ޕީއެންސީގެ ކޯލިޝަނުން ކަމަށްވެފައި ޕީޕީއެމްގެ ވަރަށް ގިނަ މެންބަރުން ޕީއެންސީއާ ގުޅެމުންދާތީ ސިޔާސީ ހަރަކާތްތައް ވަކިން ހިންގުމުގެ ބޭނުމެެއް އޮތް ކަމަށް ނުފެންނާތީ އެވެ.
ޕީޕީއެމް އަކީ ކުރީގެ ރައީސް މައުމޫން އުފެއްދެވި ޑީއާރްޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކާއެކު އުފެދުނު 'ޒެޑް ފެކްޝަން'ގެ ތެރެއިން އުފަންވި ޕާޓީއެކެވެ.
އިއްޔެ ވަނީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ވެސް އުނިކޮށްފައެވެ. އީސީ އިން ބުނީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައި ވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް އެމްއާރްއެމްއަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާ ކަމަށެވެ.