ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި، ގދ. މަޑަވެލީގެ 145 ރައްޔިތެއްގެ ނަން އެ މީހުންނަށް ނޭނގި ތިނަދޫ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމަނާފައިވާ ކަމަށް ބުނެ މަޑަވެލި ކައުންސިލުން ސީރިއަސް ތުހުމަތުތަކެއް ކޮށްފިއެވެ.
މަޑަވެލި ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބޭނީ އެ ރަށެއްގެ އާބާދީގައި 10،000 މީހުން ހަމަވުމުން ކަމަށް ވާއިރު، ތިނަދޫން އެ އަދަދު ހަމަކޮށްފައިވަނީ އޮޅުވާލައިގެން ކަމަށެވެ. އެގޮތުން ތިނަދޫ ރަޖިސްޓްރީގައި ހިމަނާފައިވާ މަޑަވެލީގެ 145 މީހުންގެ ތެރޭގައި އެ ރަށުގައި ދިރިއުޅޭ މީހުންނާ، އެހެން ރަށްރަށުގައި ދިރިއުޅޭ މަޑަވެލީގެ ރައްޔިތުންގެ އިތުރުން ދުނިޔޭގައި މިހާރު ނެތް މީހުންގެ ނަންތައް ވެސް ހިމެނޭ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން މަޑަވެލި ކައުންސިލުން ވަނީ ތިނަދޫ ސިޓީ ކައުންސިލްގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިއީ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކަށް އޮޅުވާލައިގެން ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި އެ ކައުންސިލުން ސިފަކުރެއެވެ.
މީގެ އިތުރުން، އޮޅުވާލައިގެން ތިނަދޫ ރަޖިސްޓްރީގައި ހިމަނާފައިވާ މަޑަވެލީގެ ރައްޔިތުންގެ ނަންތައް ވަގުތުން އެ ރަޖިސްޓްރީން އުނިކޮށް، އަލުން ގދ. މަޑަވެލީގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމަނައިދިނުމަށް އެ ކައުންސިލުން ވަނީ ގޮވާލާއެވެ. އަދި މި މައްސަލަ ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދަން 2023 ވަނަ އަހަރު އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށް އެ ޝަރީއަތް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ފުލުހުންނަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ.
