މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތަކުގައި މެންދުރުފަހު 3:00 އާ ހަމައަށް، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 40.65 ޕަސެންޓު މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 3,776 މީހަކަށް ލިބިފައިވެއެވެ. މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާ ވޯޓުލުމުގައި މެންދުރުފަހު 3:00 އާ ހަމައަށް ޖުމްލަ 1,535 މީހުން ވަނީ ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 770 އަންހެނުންނާއި 765 ފިރިހެނުންނެވެ.
މިއަދު ބާއްވަމުން އަންނަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމާއި، ހއ. ވަށަފަރު، ވ. ތިނަދޫ އަދި އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަންތަކެވެ.
އީސީން ވަނީ ވޯޓުލުމުގެ ވަގުތު ހަމަވުމުގެ ކުރިން، ފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިލްތިމާސްކޮށްފައެވެ. އިތުރަށް އީސީން ބުނީ މި އިންތިހާބާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، ކަމާގުޅޭ ފޯމު ފުރިހަމަކުރުމަށްފަހު އީސީގެ އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
