މި ސަރުކާރުގެ ދެ ބައިކުޅަ އެއްބައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަށް ދެއްވާފައި އޮތުމަކީ ރައީސް މުއިއްޒުގެ ނުކުޅެދުއްތެރިކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމްގެ ސިޔާސީ ހަޔާތްޕުޅަށް އަލިއަޅުއްވާލައްވަމުން ޔާމީން ވަނީ އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ޔާމީން ވިދާޅުވީ ޕީއެންސީގެ ޗެއާޕާސަން ކަމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އަކީ ސިޔާސީ ލީޑަރެއްގެ ފަހަތުގައި އެއް އިރެއްގައި ވެސް އިހުލާސްތެރި ކަމާއެކު ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަބްދުއްރަހީމް ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެރިކަމަށް ގެނައުމަށް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އަބްދުއްރަހީމް އަށް ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި ނައިބު ރައީސްގެ މަގާމު ލިބިވަޑައި ނުގަތުމުން މެލޭޝިއާ އަށް ވަޑައިގެން އެ ގައުމުގައި ހުންނަވަނިކޮށް، ރާއްޖެ ވަޑައިގަތީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެގެން ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަބްދުއްރަހީމްއަކީ މާގިނަ ސިޔާސީ މަސައްކަތްތަކެއް ކޮށްގެން ގެނެސް އަޅުގަނޑު ގޮނޑީގައި ވެޑުވި މީހެއް ކަމަށް ފައިސަލަށް ހީވާ ކަމަށް ވަންޏާ މިހާރު ދެން ބޭނުންވީ މި ކަހަލަ ކަންކަމުގައި ހަގީގަތް އޮޅުން ފިލުވައިދޭން".

އޭރު އަބްދުއްރަހީމް ޕީޕީއެމް ގެ ތެރޭގައި ހުންނަވައިގެން މަސައްކަތް ކުރެއްވީ ރައީސް ޔާމީން އާ އެކީގައި ނޫންކަން ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ "ގަބުރު ކޮނެގެން ކަށިނަގާ ހިސާބަށް" ދިޔުމުން ހަގީގަތްތައް އެނގެން ވާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން ލީޑަރެއްގެ ގޮތުގައި ހުންނެވި ޕީޕީއެމްގެ ތެރެއިން ނިކުމެވަޑައިގެން ޕީއެންއެފްގެ ނަމުގައި ޕާޓީއެއް ހެއްދެވުމަށް ފަހު ސިލްސިލާ ގޮތެއްގައި ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ އިރު، ހިނގަމުން ދާ ސަރުކާރަކީ އޭރު ޔާމީން ލީޑަރެއްގެ ގޮތުގައި ހުންނެވި ޕީޕީއެމް އާއި ޕީއެންސީގެ ތެރެއިން އުފެދިފައިވާ ވެރިކަމެކެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަން ޖެހިވަޑައިގަތުމުން ޔާމީނަށް ރިޔާސީ ޓިކެޓް ގެއްލުނެވެ. އޭރު ޕީޕީއެމް އާއި ޕީއެންސީ ހިންގެވުމުގެ އިސްވެރިއަކަށް ހުންނެވީ އަބްދުއްރަހީމެވެ. ޖަލުގައި ޔަމީން އޮންނެވި އިރު އެ 2 ޕާޓީގެ ކަންކަން އަބްދުއްރަހީމް ނިންމަވަމުން ގެންދެވީ ޔާމީންގެ އިރުޝާދާއެކު ނަމަވެސް، ރިޔާސީ ޓިކެޓް ގެއްލުނު ހިސާބުން ޔާމީންގެ ވިސްނުންފުޅު ބަދަލު ކުރައްވައި ފެއަށް ޖެހިވަޑައިގަތެވެ.

ޔާމީން، މިމޭރުމުން ވާހަކަ ދައްކަވާފައި ވާއިރު، އަބްދުއްރަހީމް އަދި ރައްދެއް ދެއްވާފައެއް ނުވެއެވެ.