މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ އެމްޕީއެލް ސަރަހައްދުގެ މަސައްކަތް ފެށުމަށްޓަކައި މިރޭ ދަންވަރު 12:00 އިން ފެށިގެން އެ ސަރަހައްދު ބަންދުކުރަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން ބުނީ މަގު ބަންދުކުރުމާ ގުޅިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ގަނދަކޯޅި ހިނގުމުން ބޮޑުތަކުރުފާނުމަގަށް ނުކުމެވޭ ހިސާބުން ފެށިގެން ކަނބާއައިސާރަނިހިނގުން ނިމޭ ހިސާބަށް ބަންދުވާނެ ކަމަށެވެ. އަދި އައްސޭރި ހިނގުން ވެސް ބަންދުކުރަން ނިންމާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުންވަނީ ގަނދަކޯޅި ހިނގުމުން ފެށިގެން ބަނދަރުމަތީ ހިނގުމާ ހަމައަށް އުޅަނދުފަހަރު ޕާކުކުރުން މަނާކޮށްފައެވެ. އަދި ގަނދަކޯޅި ހިނގުމުން ބޮޑުތަކުރުފާނުމަގަށް ނުކުމެވޭ ގޮތަށް އޮތް ނަމަވެސް، އެ ހިސާބު ވަނީ އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފައެވެ. މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި، ފުލުހުން އާންމުކޮށްފައިވާ ޗާޓާ އެ ސަރަހައްދުގައި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އުޅަނދުފަހަރު ދުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މަގުހެދުމުގެ މަސައްކަތަށް މަގު ބަންދު ކުރުމުން، ޓްރެފިކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެވެ.
