ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބު ރައީސްގެ މަގާމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އަދި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް އައިޖީއެމްއެޗް ގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އައްޔަންކޮށްފި އެވެ.

ޕާޓީގެ މަގާމަށް މި ދެބޭފުޅުން އައްޔަންކޮށްފައި ވަނީ މިއަދު ކުރިއަށްގެންދިޔަ ސެނެޓުގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ވެސް ހަލީމް އާއި ހަލީލްގެ އިތުރުން އެ ޕާޓީގެ ނައިބު ރައީސެއް ކަމަށްވާ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އެވެ. ޣައްސާންގެ އިތުރުން އެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމު ފުރުއްވަމުންދަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ، ޕީޕީއެމްގައި ހުސްވެފައިވާ ނައިބް ރައީސްގެ މަގާމަށް ޑރ. ހަލީލް އަދި އެސްޖީ ކަމަށް ހަލީމް ސެނެޓްގެ އިއްތިފާގުން އިންތިހާބު ކޮށްފައިވާ ކަަމަށެވެ. ޕާޓީގެ މަގާމުތަކަށް މީހުން އައްޔަން ކޮށްފައިވާއިރު އެ ޕާޓީ އުވާލަން އުޅޭ ކަމުގެ ވާހަކަތަކެއްވެސް ވަނީ މިއަދު ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

ޕީޕީއެމްއަކީ ރާއްޖޭގައި ދެވަނައަށް އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ ކަމަށްވާއިރު އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު 19 އާ ހަމައަށް އެ ޕާޓީގައި 34،698 މެންބަރުން ތިއްބެވެ. އެންމެ މީހުން ގިނަ ޕާޓީގެ ގޮތުގައި މިވަގުތު ރާއްޖޭގައި އޮތީ އިދިކޮޅު އެމްޑީޕީއެވެ.