މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފޯރުކޮށްދޭ ކަސްޓަމަރުންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އޮންލައިންކޮށް ފަސޭހައިން ހިދުމަތް ހޯދޭނެ މަގުފަހިކުރުމުގެ ގޮތުން، އެ ކުންފުނީގެ އީ ޕޯޓަލް އަޕްގްރޭޑްކޮށް އާ ފީޗާތަކާއެކު ލޯންޗުކޮށްފިއެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ "މޯލްޑިވްސް 2.0" ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އޮންލައިން ޕްލެޓްފޯމް "ވަންގަވް" އަދި "އީފާސް" ގެ އެހީގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. އެގޮތުން، މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކަސްޓަމަރުން ބޭނުންކުރަން ޖެހޭނީ މި އާ ކަސްޓަމާ ސާވިސް އީ ޕޯޓަލް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އާ އީ-ޕޯޓަލް އަށް ލޮގިންވެވޭނީ "އީފާސް" މެދުވެރިކޮށެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު އަމިއްލަ ޕްރޮފައިލެއް ހަދައި، އެކި ހިދުމަތްތަކަށް އޮންލައިންކޮށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީން އިތުރަށް ބުނީ، އާ ޕޯޓަލް މެދުވެރިކޮށް ހިދުމަތްތަކަށް އެދޭނެ ގޮތުގެ މައުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ޓިއުޓޯރިއަލް ވީޑިއޯތަކެއް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުންދާނެ ކަމަށެވެ. އަދި ޕޯޓަލް ބޭނުންކުރުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެނަމަ، ނުވަތަ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އެ ކުންފުނީގެ ހޮޓްލައިން 1575 އަށް ގުޅުމުން އެހީތެރިކަން ލިބޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއެވެ.

އެ ކުންފުނީގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ވީހާވެސް އަވަސް އަދި އިތުބާރު ހުރި ހިދުމަތްތަކެއް އަބަދުވެސް ފޯރުކޮށްދިނުންކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.