އެމެރިކާގައި މިހާރު ހިނގަމުންދާ ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ވެނަޒުއޭލާއާ އެކުއަޑޯ ވާދަކުރި މެޗު 2-1 އިން ވެނަޒުއޭލާ ކާމިޔާބުކޮށްފިއެވެ.

މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ 20 ވަނަ މިނެޓް ހިސާބުގައި އެކުއަޑޯގެ އެނާ ވެލެންސިއާ ކުރި ފައުލަކަށް މެޗުގެ ރެފްރީ އޭނާއަށް ރިނދޫ ކާޑެއް ދެއްކިއެވެ. އެހެން ނަމަވެސް އެފައުލް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ބެލުމަށް ފަހު ނިންމީ އިދިކޮޅު ކުޅުންތެރިޔާއަށް ނުރައްކާވާ ފަދަ ކުޅުމެއް ފެނިފައިވާތީ، ފުރަތަމަ ދެއްކި ރީނދޫ ކާޑު ކެންސަލްކުރުމަށް ފަހު ސީދާ ރަތް ކާޑެއް ދައްކާށެވެ.

މެޗުގެ ބޮޑު ބައި 10 ކުޅުންތެރިންނާއެކު ކުޅެން އެކުއަޑޯއަށް މަޖްބޫރުވި ނަމަވެސް ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓީމުންނެވެ. މިގޮތުން، ފުރަތަމަ ހާފް ނިމެން 5 މިނެޓްއަށް ވެފައި ހުއްޓާ އެކުއަޑޯގެ ސާމިއެންޓޯ ވަނީ އެޓީމަށް ލަނޑެއް ޖަހާ ދީ ލީޑު ނަގާދީފައެވެ.

އެކުއަޑޯގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

ދެވަނަ ހާފްގައިި ވެނަޒުއޭލާއިން ކުޅުން ރަނގަޅުކުރި އިރު މެޗުގެ 64 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ކަޑީޒެވެ. އޭނގެ 10 މިނެޓް ފަހުން ވެނަޒުއޭލާއިން އަނެއްކާ ވެސް ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބެލޯއެވެ.

މި ސްކޯލައިންގައި އޮވެގެން މެޗު ނިމުނު އިރު މި ނަތީޖާގެ ސަބަބުން ވެނަޒުއޭލާއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި އެޓީމު މިވަގުތު އޮތީ ގްރޫޕް ބީގެ އެއްވަނައިގައެވެ.

ގްރޫޕް ބީގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ މެކްސިކޯއާ ޖަމައިކާ މިހާރު ކުޅެމުންދާ އިރު 1-0 އިން މެކްސިކޯ އޮތީ ކުރީގައެވެ.