އެމެރިކާގައި މިހާރު ހިނގަމުންދާ ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކޮލަމްބިއާ ދަތުރުކޮށްފިއެވެ. 23 އަހަރަށް ފަހު ކޮލަމްބިއާ މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދީ މިއަދު ފަތިހު ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި 1-0 އިން އުރުގުއޭ ބަލިކުރުމަށް ފަހުއެވެ.

މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ކޮލަމްބިއާއިން ޖަހާފައިވަނީ މެޗުގެ 39 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުންނެވެ. ކެޕްޓަން ހަމޭސް ރޮޑްރީގޭޒް ނަގާ ދިން މި ކޯނަރު ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު ކޮލަމްބިއާއަށް ޖަހާ ދިނީ ޖެފާސަން ލާމާއެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ކޮލަމްބިއާގެ ޑެނިއަލް މިނުނޯޒް އަށް ވަނީ ދެ ރީނދޫ ހަމަވެ ރަތް ކާޑެއް ދައްކާފައެވެ. ކޮލަމްބިއާއިން މެޗުގެ ދެވަނަ ހާފް އެއްކޮށް ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. އެހެން ނަމަވެސް އުރުގުއޭ އަށް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

މިގޮތުން، އެޓީމުން ކޮލަމްބިއާގެ ގޯލަށް 10 ޝޮޓް ފޮނުވާލި އިރު ގޯލަށް ސީދާ އަމާޒުވެފައިވަނީ އެންމެ 2 ޝޮޓެވެ. ކޮލަމްބިއާއިން 11 ޝޮޓް ފޮނުވާލި އިރު މީގެ ތެރެއިން 4 ޝޮޓަކީ އުރުގުއޭގެ ގޯލަށް ނުރައްކާ ކުރި ޝޮޓްތަކެކެވެ.

މިމެޗު ނިމުނީ 1-0 އިން ކޮލަމްބިއާ ކުރީގައި އޮވެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްގެންނެވެ. ފައިނަލްގައި އެޓީމު ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަަން އާޖެންޓީނާއާއެވެ.

ކޮޕާ އެމެރިކާ 2024 ގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭ ގަޑި ފަތިހު ފަހެއް ޖަހާ އިރެވެ.