އެމެރިކާގައި ކުރިއަށްދާ ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ދަތުރުކޮށްފިއެވެ. އާޖެންޓީނާ ފައިނަލަށް ދިޔައީ ސެމީގެ ފުރަތަމަ މެޗުގައި ކެނެޑާ 2-0 އިން ބަލިކުރުމަށް ފަހުއެވެ.

މިމެޗުގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު އެޓީމުން ޖެހީ މެޗުގެ 22 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މެން ސިޓީގެ ފޯވަޑް ހޫލިއަން އަލްވަރޭޒްއެވެ.

އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖަހާ ދިން އަލްވަރޭޒް/ފޮޓޯ: އެކްސް

މިހާތަނަށް މުބާރާތުގައި ކުޅުނު 5 މެޗުން ވެސް މޮޅުވެގެން ފައިނަލަށް ދިޔަ އާޖެންޓީނާ އެޓީމުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ ދެވަނަ ހާފް ފެށިތަނާ ހެންނެނެވެ. މިގޮތުން، މިލަނޑު އެޓީމަށް ޖަހާ ދިނީ ކެޕްޓަން ލައިނަލް މެސީއެވެ. ކެނެޑާއިން އާޖެންޓީނާގެ ގޯލާ އަމާޒުކޮށް ދެތިން ހަމަލާއެއް ފޮނުވާލި ނަމަވެސް މެޗު ނިމުނީ 2-0 އިން އާޖެންޓީނާ ކުރީގައި އޮވެ ފައިނަލަށް ގޮސްގެންނެވެ.

މި މުބާރާތް ހުޅުވި މެޗުގައި ވެސް މި ދެ ޓީމު ވާދަ ކުރި އިރު އެމެޗު ވެސް ނިމުނީ ހަމަ މި ސްކޯލައިނުން އާޖެންޓީނާ މޮޅުވެގެންނެވެ. އާޖެންޓީނާ ފައިނަލްގައި ކުޅޭނީ ސެމީގެ ދެވަނަ މެޗުގައި ކޮލަމްބިއާއާ އުރުގުއޭ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ކެނެޑާ ވާދަކުރާނީ ސެމީގެ ދެވަނަ މެޗުން ބަލިވާ ޓީމަކާއެވެ.

ކޮޕާ އެމެރިކާގެ ފައިނަލް މެޗު އޮންނާނީ ޖުލައި 15 ވަނަ ދުވަހު ރާއްޖޭ ގަޑިން ފަތިހު 5 ޖަހާ އިރުއެވެ.