އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާއާ ކޮލަމްބިއާ މިރޭ ފަތިހު ކުޅޭނެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ފައިނަލްއަށް ދިޔައީ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން އެކުއަޑޯ ބަލިކޮށް ސެމީގައި 2-0 އިން ކެނެޑާ ބަލިކުރުމަށް ފަހުއެވެ. މިރޭ ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗު ކާމިޔާބުކޮށްގެން އާޖެންޓީނާއަށް ރިކޯޑެއް ހެދުމުގެ ފުރުސަތު އެބައޮތެވެ. އެއީ 16 ފަހަރު މި މުބާރާތް ކާމިޔާބުކޮށް ކޮޕާ އެމެރިކާ ތަށި އެންމެ ގިނައިން ހޯދި ގައުމަށް ވުމުގެ ރިކޯޑެވެ.

މިރޭގެ މެޗަށް ފަހު އާޖެންޓީނާގެ ކުޅަދާނަ ވިންގަރު އެންހެލް ޑި މަރިޔާ ގައުމީ ޓީމާ ދުރަށްދާނެ ކަން ވަނީ އިއުލާނުކޮށްފައެވެ. ޑި މަރިއާ އަކީ 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕް އާޖެންޓީނާއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިއެކެވެ. މިރޭގެ މެޗަކީ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ވެސް ގައުމީ ޓީމަށް ކުޅޭ ފަހު މެޗަށް ވެދާނެ ކަމުގެ ވާހަކަތައް ދެކެވުނެވެ. އެހެން ނަމަވެސް 37 އަހަރު މެސީ އަދި ގައުމީ ޓީމާ ދުރަށް ދިއުމާ މެދު ގޮތެއް ނުނިންމައެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީ ރޭގެ މެޗުގައި/ފޮޓޯ: އެކްސް

އާޖެންޓީނާއާ ދެކޮޅަށް މިރޭ ނިކުންނަ ކޮލަމްބިއާއަކީ މިމުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ޓީމެވެ. ކުއާޓާގައި 5-0 އިން ޕެނެމާ ބަލިކޮށް ސެމީގައި އުރުގުއޭ 1-0 ގެ ހަނި ނަތީޖާއަކުން ފަހަތަށް ޖައްސާލާ ކޮލަމްބިއާއިން ފައިނަލްގެ ޖާގަ ކަށަވަރުކުރިއެވެ.

ޖަމާސް ރޮޑްރީގޭޒް ވަނީ ފުރަތަމަ ހާފްގައި ޖުމްލަ ތިން ޗާންސް އުފައްދާ ދެ އެސިސްޓްކޮށްދީފައި/ފޮޓޯ:އެކްސް

ކޮލަމްބިއާގެ ކެޕްޓަން ހަމޭސް ރޮޑްރީގޭޒް މިރޭގެ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ކުރިއަށް ކުޅޭ ކުޅުންތެރިން ލައްވާ ލަނޑު ޖެހުވުމަށް ރޮޑްރީގޭޒް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރާނެއެވެ. އަނެއްކޮޅުން، ކޮލަމްބިއާގެ ޑިފެންސްގެ ފަރާތުން އަނެއްކާވެސް ވަރުގަދަ ކުޅުމެއް ފެންނާނެ ކަމަށް ބެލެއެވެ. މުބާރާތުގައި އެޓީމުން މިހާތަނަށް ކުޅުނު 5 މެޗުގައި ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ.

އެމެރިކާގައި ނިމިގެންދާ ކޮޕާ އެމެރިކާ 2024 މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ރާއްޖޭ ގަޑިން މިރޭ ފަތިހުގެ ފަސް ގަޑި ބައިގައެވެ.