އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ 2024 މުބާރާތުގެ ތިން ވަނަ އުރުގުއޭ ހޯދައިފިއެވެ. އުރުގުއޭ ތިން ވަނަ ހޯދީ ޕެނަލްޓީ ޖަހައިގެން ކެނެޑާ ބަލިކުރުމަށް ފަހުއެވެ.
މުބާރާތުގެ ތިން ވަނަ ހޮވާ މެޗު ޕެނަލްޓިއަށް ދިޔައީ މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތުގެ 30 ކުޅުމުން ވެސް މެޗުގެ ސްކޯލައިން 2-2 ގައި އޮތުމުންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އުރުގުއޭއިންނެވެ. މެޗުގެ 8 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ޖަހާ ދިނީ ރޮޑްރީގޯ ބެންޓަކޫރްއެވެ.
މެޗުގެ ފުރަތަމަ ހާފް ނުނިމެނީސް ކެނެޑާއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 22 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ޖަހާ ދިނީ އިސްމާއީލް ކޯނޭއެވެ.
ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ 80 ވަނަ މިނެޓްގައި ކެނެޑާއިން އަނެއްކާވެސް ލަނޑެއް ޖަހާ މެޗުން މޮޅުވި ކަމަށް ބެލެވުނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖޮނަތަން ޑޭވިޑްއެވެ.
އެހެން ނަމަވެސް އުރުގުއޭގެ ތަޖުރިބާކާރު ފޯވަޑް ލުއިސް ސުއަރޭޒް ވަނީ 90 މިނެޓްގެ ތެރޭގައި ލަނޑެއް ޖަހާ މެޗު އިތުރު ވަގުތަށް ގެންގޮސްފައެވެ. އިތުރު ވަގުތުގައި 15 މިނެޓްގެ ދެ ހާފް ކުޅުނު ނަމަވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި 30 މިނެޓް ހަމަވީ އިރު ވެސް ސްކޯ އޮތީ ހަމަހަމަވެފައެވެ.
މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހި އިރު ދެ ޓީމުން ވެސް ފުރަތަމަ ޖެހި ދެ ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެހެން ނަމަވެސް ކެނެޑާގެ ތިން ވަނަ ޕެނަލްޓީ އުރުގުއޭގެ ކީޕަރު ހިފެހެއްޓިއެވެ.
އުރުގުއޭއިން އެޓީމުގެ ހުރިހާ ޕެނަލްޓީއެއް ވެސް ކާމިޔާބުކުރި އިރު ކެނެޑާގެ ފަހު ޕެނަލްޓީ ޖެހީ ބޭރަށެވެ. ޕެނަލްޓީ ޝޫޓް އައުޓް ނިމުނީ 3-4 އިން އުރުގުއޭ މޮޅުވެ މުބާރާތުގެ ތިން ވަނަ ހޯދައިގެންނެވެ.
ކޮޕާ އެމެރިކާ 2024 ގެ ފައިނަލް އޮންނާނީ މާދަން ފަތިހުއެވެ. ފައިނަލްގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ކޮލަމްބިއާއެވެ.