އެމެރިކާގައި ނިމިގެން ދިޔަ ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ތަށި އާޖެންޓިނާ އުފުލާލައިފިއެވެ. އާޖެންޓީނާ ތަށި އުފުލާލީ ކޮޕާ އެމެރިކާ 2024ގެ ފައިނަލްގައި ކޮލަމްބިއާއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މިއީ ކޮޕާ އެމެރިކާގެ ތަށި އާޖެންޓީނާއިން އުފުލާލި 16 ފަހަރެވެ. އެޓީމަކީ އެންމެ ގިނައިން މި ތަށި އުފުލާލި ޓީމެވެ.
އެމެރިކާގެ މިޔާމީގައި ހުންނަ ހާޑް ރޮކް ސްޓޭޑިއަމްގައި އޮތް ފައިނަލް މެޗަށް ޓިކެޓް ނެތް އެތަށް ހާސް ބަޔަކު ވަންނަން މަސައްކަތް ކުރުމުން މެޗު ވަރަށް ބޮޑަށް ޑިލޭ ވިއެވެ. އަދި މެޗަށް ޓިކެޓް ގަނެގެން ތިބި ސަޕޯޓަރުންނަށް ބޭރުގައި އެތަށް އިރެއް ވަންދެން މަޑު ކުރަން ޖެހި ދަނޑުގެ ބޭރުގައި ގިނަ ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.
ކޮޕާ އެމެރިކާގެ ފައިނަލްގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ 90 މިނެޓްގެ ތެރޭގައި ދެ ޓީމު ކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ. އަދި މެޗުގެ ދެވަނަ ހާފްގައި ލިބުނު އިންޖަރީއެއްގެ ސަބަބުން އާޖެންޓީނާ ކެޕްޓަން އަދި ލެޖެންޑް ލައިނަލް މެސީއަށް މެޗު ދޫކޮށް ދަނޑުން ފައިބަން ޖެހުނެވެ.
މެޗުގެ 90 މިނެޓް ހަމަވަމުން އިތުރު ވަގުތުގެ ތިރީސް މިނެޓް ކުޅެނެވެ. އާޖެންޓީނާއިން ލަނޑު ޖެހީ 15 މިނެޓްގެ ދެ ހާފްގެ ތެރެއިން ފަހު ހާފްގައެވެ. ޖިއޮވާނީ ލަ ސެލްސޯގެ ޕާހެއް ގޯލުގެ ތެރެއަށް ފޮނުވާލާލީ ލަޓޫރޯ މާޓީނޭޒްއެވެ. މިއީ މުބާރާތުގައި އޭނާ ޖެހި 5 ވަނަ ލަނޑަށް ވީ އިރު އޭނާ އަކީ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.
މަދު ހަމަލާތަކެއް ފެނިގެން ދިޔަ މި މެޗު ނިމުނީ 1-0 އިން އާޖެންޓީނާ މޮޅުވެގެންނެވެ. އާޖެންޓީނާއިން މިވަނީ ޖައްސަ ޖައްސައިގެން ދެ ފަހަރު ކޮޕާ އެމެރިކާ ތަށި އުފުލާލާފައެވެ. އަދި އެޓީމުން އެންމެ ފަހުން ކުޅުނު ތިން މުބާރާތުގެ ފައިނަލަށް ވެސް އާޖެންޓީނާއިން ދަތުރުކޮށްފައިވާ އިރު މި ތިން ފައިނަލް ވެސް އެޓީމުން މިވަނީ ކާމިޔާބުކޮށްފައެވެ.
2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކުއަލިފައި ނުވި ކޮލަމްބިއާ މިމުބާރާތުގެ ފައިނަލަށް ދިޔައީ 28 މެޗުން ބަލި ނުވެ މޮޅު ކުޅުމެއް ދައްކައިގެންނެވެ. މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ކޮލަމްބިއާގެ ހަމޭސް ރޮޑްރީގޭޒްއަށެވެ.