ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ރޭ ތުރުކީއާ ޕޯޗުގަލް ވާދަކުރި މެޗުގެ ތެރެއިން ހަ ސަޕޯޓަރުން ދަނޑަށް އަރާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ސެލްފީއެއް ނަގަން މަސައްކަތްކޮށްފިއެވެ.
މެޗުގެ 69 ވަނަ މިނެޓްގައި ފުރަތަމަ ދަނޑަށް އެރީ ކުޑަކުއްޖެކެވެ. މިކުއްޖާގެ ވީޑިއޯ މިހާރު ވައިރެލްވެފައިވާ އިރު މިކުއްޖާ ވަނީ ދުވެފައި ގޮސް ރޮނާލްޑޯގެ ކައިރިއަށް ހުއްޓިފައެވެ. އަދި އަދުގެ ޖީލުގެ ހުރިހާ ޒުވާނުންނާއި ޅަފުރައިގެ ކުދިން ފަދައިން އަތުގައި އޮތް ފޯނުން ކެމެރާ އެޕް ހުޅުވާލުމަށް ފަހު ރޮނާލްޑޯއާ އެކު ސެލްފީއެއް ނަގާ މަންޒަރު ފެނެއެވެ.
އަދި ރޮނާލްޑޯ ވެސް ކުއްޖާގެ ކޮނޑާ ހަމައަށް ތިރިވެ އޭނާއާ އެކޮށް ސެލްފީއަކަށް ހުއްޓިލާ ހެވިފައި ހުންނަ މަންޒަރު ފެނެއެވެ. ސެލްފީ ނެގުމަށް ފަހު ކުއްޖާ ސެކިއުރިޓީ ގާޑުންގެ އަތުގައި ނުޖެހި ދުވާ މަންޒަރު ބަލަން ވެސް ރޮނާލްޑޯ ހުންނަނީ ހެވިފައެވެ. އެންމެ ފަހުން އެކުއްޖާ ގާޑުންނާ އަމިއްލައަށް ހަވާލުވާ އިރު ދަނޑުގައި ތިބި ސަޕޯޓަރުން ރޮނާލްޑޯއަށް ތައުރީފުކޮށް ލަވައެއް ކިޔާ އަޑު އިވެން ފަށައެވެ.
ޕޯޗުގަލްއިން 3-0 އިން ތުރުކީ ބަލިކުރި މިމެޗުގައި އިތުރު އެހެން ސަޕޯޓަރުންތަކެއް ވެސް ދަނޑަށް އަރާ މެޗު ހުއްޓުވުމަށް ފަހު ރޮނާލްޑޯއާއެކު ސެލްފީއެއް ނަގަން މަސައްކަތް ކުރި ނަމަވެސް ފުރަތަމަ އެރި ކުއްޖާއަށް ދިން ފަދަ ސަމާލުކަމެއް އެމީހުންނަށް ރޮނާލްޑޯއެއް ނުދެއެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓީނޭޒް ބުނީ މިކަންކަމަކީ ޓީމުން ކަންބޮޑުވާ ކަން ކަަމަށާ ރޭ ދަނޑަށް އެރި ސަޕޯޓަރުންގެ ނިޔަތް ރަނގަޅުވުމަކީ ނަސީބެއް ކަމަށެވެ. އަދި ރަނގަޅު ނިޔަތަކާ ނުލާ އެގޮތަށް ދަނޑަށް އަރައިގެން އަންނަ ސަޕޯޓަރުންގެ ސަބަބުން ކުޅުންތެރިން ނުރައްކަލުގެ ތެރެއަށް ވެއްޓުމަކީ އެކަށީގެންވާ ކަމެއް ކަން ފާހަގަކުރަމުން މާޓިނޭޒް ބުނީ މިއީ ފުޓްބޯޅަ ދަނޑަކުން ފެންނަން ޖެހޭ މަންޒަރެއް ނޫން ކަމަށެވެ.
މާޓިނޭޒްގެ އިންޒާރުގެ ބައެއް ހަގީގަތަކަށް ވީ މަންޒަރު ވެސް ރޭ ފެނިގެން ދިޔައެވެ. މިގޮތުން، ސެލްފީއެއް ނަގަން އެރި އެއް ސަޕޯޓަރަކު ޕޯޗުގަލްގެ ކުޅުންތެރިން މެޗު ނިންމާފައި ހިންގަމުން އައި ދިމާލަށް ދިޔަ އިރު އެމީހާ ހުއްޓުވުމަށް ސެކިއުރިޓީން ވެސް ކުޅުންތެރިންގެ ތެރެއަށް ވަނެވެ. މީގެ ތެރެއިން އެއް ސެކިއުރީ އޮފިޝަލަކު ވަނީ ޕޯޗުގަލްގެ ފޯވަޑް ގޮންޒާލާ ރާމޯސްގެ ގައިގައި ބާރަށް ޖެހި އޭނާ ވައްޓާލާފައެވެ. މިކަމުގެ ސަބަބުން ޕޯޗުގަލްގެ ކުޅުންތެރިޔާއަށް އަނިޔާވީ ކަމެއް އަދި ޔަގީން ނުވާ އިރު ސަޕޯޓަރުން ދަނޑަށް އެރި މައްސަލަ ފީފާއިން ބަލަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.