ޔޫރޯ 2024 ފުޓްބޯޅަ މުބާރާތް ސްޕެއިން ކާމިޔާބުކޮށްފިއެވެ. ސްޕެއިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 2-1 އިން އިންގްލޭންޑް ބަލިކުރުމަށް ފަހުއެވެ.
ފައިނަލް މެޗުގައި ފެނިގެން ދިޔަ ތިން ލަނޑު ވެސް ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފްގައެވެ. މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިންއިން ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް އިންގްލޭންޑުން ކުޅުނީ ވަރަށް ޑިފެންސިވް ކުޅުމެކެވެ.
ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓްގައި ސްޕެއިންއިން ލަނޑު ޖަހާ ލީޑު ނެގިއެވެ. ސްޕެއިންގެ ކަނާތް ފަރާތުން ކުޅޭ ޒުވާން ވިންގަރު ލަމީން ޔަމާލް އިންގްލޭންޑްގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ އަނެއް ފަރާތުން ކުޅޭ ވިންގަރު ނީކޯ ވިލިއަމްސެވެ. މިއީ ވިލިއަމްސް މިމުބާރާތުގައި ޖެހި ދެވަނަ ލަނޑެވެ.
މެޗުގައި ދެން ވެސް ގިނަ ހަމަލާތައް އުފެއްދީ ސްޕެއިންއިންނެވެ. އެހެން ނަމަވެސް އިންގްލޭންޑް ކީޕަރު ޖޯޑަން ޕިކްފޯޑްގެ ހުޝިޔާރު ސޭވްތަކެއް ފެނިގެން ދިޔަ އިރު ފައިނަލްގެ ކުރިން ދެވަނަ ބުރުގައި ކުޅުނު ހުރިހާ މެޗެއް ވެސް ފަހަތުން އަރާ މޮޅުވި އިންގްލޭންޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މިލަނޑު އެޓީމަށް ޖަހާ ދިނީ މެޗުގެ 73 ވަނަ މިނެޓްގައި ކޯލް ޕާމާއެވެ. ޕާމާ ކުޅެން އެރީ ވެސް އޭނގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ. ފައިނަލް މެޗު އިތުރު ގަޑިއަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގެ 86 ވަނަ މިނެޓްގައި ސްޕެއިންއިން ވަނީ ލަނޑެއް ޖަހާ އަލުން ލީޑު ނަގާފައެވެ.
ދެވަނަ ހާފްގައި ކުޅެން ނިކުން ފޯވަޑް އޮޔާތަބާލް ޖެހި މިލަނޑަކީ އޭނާގެ މޮޅު ޕާހަކުން އުފެދުނު ހަމަލާއެއްގެ ނިމުމެވެ. މެޗުގެ ބާކީ އޮތް ވަގުތު ނަތީޖާ އަނެއްކާވެސް ހަމަހަމަ ކުރަން އިންގްލޭންޑަށް ފުރުސަތު ލިބުނު ނަމަވެސް ސްޕެއިންގެ ޑެނީ އޮލްމޯ ވަނީ ގޯލު ލައިންގެ މަތިން މުހިންމު ބްލޮކެއްކޮށްފައެވެ.
މެޗު ނިމުނީ 2-1 އިން ސްޕެއިން މޮޅުވެ ހަތަރު ވަނަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްގެންނެވެ. ސްޕެއިން އަކީ ހަތަރު ފަހަރު މިި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ޓީމެވެ. އެޓީމުން މިފަހަރުގެ މުބާރާތް މި ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.