މިދިޔަ އާދިއްތަ ދުވަހު ޖާމަނީގައި ނިމިގެން ދިޔަ ޔޫރޯ 2024 މުބާރާތުގެ ފައިނަލުގައި ސްޕެއިން އަތުން 2-1 އިން އިންގްލޭންޑްގެ ކޯޗު ގެރެތް ސައުތްގޭޓް މަގާމުން އިސްތިއުފާ ދީފިއެވެ.

މަގާމުުން އިސްތިއުފާ ދެމުން ސައުތްގޭޓް ބުނީ އިންގްލޭންޑަށް ކުޅެ، އިނގިރޭސި ޓީމަށް ކޯޗުކޮށް ދޭން ލިބުމަކީ އޭނާ ވަރަށް ވެސް ފަހުރުވެރިވާ ކަމެއް ކަމަށާ އޭނާއަށް ބަލާފައިވާނީ ޓީމަށްޓަކައި ކުރެވެން އޮތް ކަމެއް ކޮށްދިނުމަށް ކަމަށެވެ. އެހެން ނަމަވެސް މިހާރު ބަދަލަކަށް ތައްޔާރުވެފައިވާ ަކަމަށާ ކެރިޔަރުގެ އާ ބާބެއް ފެށުމަށް ބޭނުންވާ ކަމަށެވެ.

މީގެ 8 އަހަރު ކުރިން އިންގްލޭންޑްގެ ކޯޗު ކަމާ ހަވާލުވި ސައުތްގޭތްގެ ބެލުމުގެ ދަށުން އެޓީމުން 102 މެޗު ކުޅެފައިވާ އިރު ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އެޓީމު ވަނީ ދެ ޔޫރޯގެ ފައިނަލަށް ދަތުރުކޮށްފައެވެ.

އެހެން ނަމަވެސް ދެ ފައިނަލުން ވެސް އިންގްލޭންޑް ބަލިވި އިރު އިންގްލޭންޑަކީ ޔޫރޯގެ ތާރީހުގައި ވެސް ޖެހިޖެހިގެން ދެ ފައިނަލުން ބަލިވި ހަމައެކަނި ޓީމެވެ.

އިންގްލޭންޑްގެ ކޯޗު ގެރެތް ސައުތްގޭތް/ފޮޓޯ: އެކްސް

އެންމެ ވަރުގަދަ ސްކޮޑް ގޮވައިގެން މުބާރާތަށް އައި އިންގްލޭންޑް ޓީމުގެ ފަރާތުން ސައުތްގޭޓަށް އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ހާއްސަކޮށް އެންމެ ވަރުގަދަ ފުރަތަމަ 11 ހޮވަން ސައުތްގޭޓަށް ނޭނގޭ ކަމަށާ ބަދަލު ކުޅުންތެރިންގެ ގޮތުގައި އަރުވާ ކުޅުންތެރިންގެ ފަރާތުން ކިތަންމެ ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ފުރަތަމަ 11 އިން ޖާގަ ނުދޭ މައްސަލަ ގިނަ ބަޔަކު ޖެއްސިއެވެ.