ޖާމަނީގައި ނިމިގެން ދިޔަ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީއަށް ލިބިއްޖެއެވެ. އެއްވެސް މެޗަކުން ބަލިނުވެ ސްޕެއިން ޔޫރޯ 2024 ކާމިޔާބުކުރުމުގައި ރޮޑްރީގެ ދައުރު ބޮޑު އިރު މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި ލިބުނު އަނިޔާއެއްގެ ސަބަބުން ދެވަނަ ހާފްގައި ރޮޑްރީއަށް ކުޅެން އެރޭ ގޮތެއް ނުވިއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު ރޮޑްރީ/ފޮޓޯ: އެކްސް

ޔޫރޯ 2024 ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕެއިންގެ 17 އަހަރުގެ ވިންގަރު ލަމީން ޔަމާލްއެވެ. ޔަމާލް ވަނީ މިމުބާރާތުގައި ޖުމްލަ ހަތަރު އެސިސްޓް ހަދާ އެއް ލަނޑު ޖަހާފައެވެ. މިރޭގެ ފައިނަލްގައި ވެސް ޔަމާލްގެ އެސިސްޓެއް ފެނިގެން ދިޔަ އިރު ޔޫރޯ މުބާރާތެއްގައި ކުޅުންތެރިއަކަށް އެންމެ ގިނައިން ހެދިފައިވަނީ ވެސް 4 އެސިސްޓެވެ.

17 އަހަރުގެ ލަމީން ޔަމާލް އަކީ ޔޫރޯ މުބާރާތެއްގައި ފައިނަލެއްގައި ކުޅެ މުބާރާތް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާ/ފޮޓޯ: އެކްސް

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް ސްޕެއިންގެ ކުޅުންތެރިއެކެވެ. އެއީ މިރޭގެ މެޗުގައި ސްޕެއިންއަށް ފުރަތަމަ ލަނޑު ޖަހާ ދިން ނީކޯ ވިލިއަމްސެވެ.

މުބާރާތުުގައި އެންމެ ގިނަ ގޯލު ޖެހި އެވޯޑް ހަ ކުޅުންތެރިއަކަށް ލިބިގެން ދިޔަ އިރު މީގެ ތެރޭގައި ސްޕެއިން މިޑްފީލްޑަރު ޑެނީ އޮލްމޯ ވެސް ހިމެނެއެވެ.

މިރޭ ކުޅުނު މިމުބާރާތުގެ ފައިނަލްގައި ސްޕެއިން ވަނީ 2-1 އިން އިންގްލޭންޑް ބަލިކޮށް ހަތަރު ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލާފައެވެ.

ސްޕެއިން އަކީ ޔޫރޯގެ ތަށި ހަތަރު ފަހަރަށް އުފުލާލި ހަމައެކަނި ޓީމެވެ. އެޓީމަށް މީގެ ކުރިން މިމުބާރާތް ލިބިފައިވަނީ 1964 ވަނަ އަހަރާއި 2008 ވަނަ އަހަރު އަދި 2012 ވަނަ އަހަރެވެ.