އިއްޔެ އެކަނިވެސް ކަނޑުމަތީގެ 7 ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ކަނޑުމަތީ ހިނގި އެކި ހާދިސާތަކުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފް އިން ބުނީ، އިއްޔެ މެންދުރު 12:00އިން ފެށިގެން އެދުވަހުގެ 22:30އާ ހަމައަށް ރިޕޯޓްކޮށްފައިވާ ހާދިސާތަކުގެ ތެރޭގައި ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި މީހަކު ގެއްލުމުގެ ހާދިސާއާއި، ރ.އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުނު ހާދިސާ ހިމެނެއެވެ.
އަދި ހަމަ އެހެންމެ އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމުގެ ހާދިސާއާއި، 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.އަތޮޅު ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ސަފާރީ އުޅަނދެއް ދިޔަވުމުގެ ހާދިސާއާއި، 4 މީހުންނާ އެކު މާލެ އަތޮޅު ގިރިފިނޮޅު ކައިރިން ލޯންޗެއް ފަރަށް އެރި ހާދިސާ ވެސް ހިމެނެއެވެ.
މީގެ އިތުރުން މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯންޏެއް ގެއްލުމުގެ ހާދިސާއާއި، 8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދިޔަ ހާދިސާ ވެސް އިއްޔެ ހިނގާފައި ވެއެވެ.
މިގޮތުން ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ މިހާތަނަށް ފެނިފައި ނުވާއިރު ކެނޯއެއްގައި ދަތުރު ކުރި މީހާ ފެނިފައި ވަނީ ރ. އަތޮޅު ދުވާފަރުންނެވެ.
އެއާއެކު އެމްއެންޑީއެފް އިން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތައް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އެމްއެންޑީއެފް އިން މިފަދައިން އިލްތިމާސްކޮށްފައި ވަނީ ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކުރުމުާއި ގުޅިގެންނެވެ.
އެގޮތުން މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންކަން ފާހަގަކޮށް އެމްއެންޑީއެފް އިން ވަނީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އެދިފައެވެ. ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ވެސް، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނުރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ.