2021 ވަނަ އަހަރު އިންގްލޭންޑްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އެގައުމު ދިއުން ވެގެން ދިޔައީ ބައިނަލްއަޤްވާމީ ބޮޑު ފުޓްބޯޅަ މުބާރާތެއް ހޯދުމަށް ސަޕޯޓަރުން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެގެންދާނެ ފަހަރު ކަމަށް ބެލެވުނެވެ. ފައިނަލްގައި ފުރަތަމަ ލަނޑު ޖަހާ އިންގްލޭންޑުން ލީޑު ނެގުމުން 1966 ވަނަ އަހަރުން ފެށިގެން ދެކުމުން އައި ހުވަފެނުގައި ކޮންމެވެސް ވަރަކަށް ކުލަ ވެސް ޖެހުނެވެ.

އެހެން ނަމަވެސް އެފަހަރުގެ ޗެމްޕިއަން އިޓަލީން ތަށި ގެންދިޔައީ ފަހަތުން އަރާ ލަނޑެއް ޖެހުމަށް ފަހު ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ބަލިކޮށް އިނގިރޭސި ހިތްތައް ރޮއްވާލައިގެންނެވެ.

ސާކާ ޖެހި ޕެނަލްޓީ އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ ސޭވްކޮށްފައި/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

އެމުބާރާތަށް ފަހު ކުޅޭ ފުރަތަމަ ޔޫރޯގެ ފައިނަލަށް އިންގްލޭންޑް ދަތުރުކުރުމަކީ ވެސް އޭނގެ ޒާތުގައި ކާމިޔާބީއެކެވެ. ހާއްސަ ގޮތެއްގައި މުބާރާތުގައި ކުޅުނު ގިނަ މެޗުތަކުގައި އެންމެ އެކަށީގެންވާ ކުޅުމެއް އިންގްލޭންޑަށް ނުދެއްކުނު އިރު ދެވަނަ ބުރުން ފެށިގެން ސެމީ ފައިނަލާ ހަމައަށް ކުޅުނު ހުރިހާ މެޗަކުން ވެސް އިންގްލޭންޑް މޮޅުވީ ފަހަތުން އަރައިގެން ލަނޑު ޖަހައިގެންނެވެ. ގަދަ 16 ގެ މެޗުގައި ސްލޮވާކިއާ އަތުން ކަޓަކަޓާ އޮއްވާ ސަލާމަތްވި އިރު ސުވިޓްޒަލޭންޑްގެ ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި ސެމީގައި ފަހަތުން އަރާ ނެދެލޭންޑްސް ބަލިކުރި އިރު އެމެޗުގައި ރެފްރީ އިންގްލޭންޑަށް 'އެހީ' ވި ކަމަށް ނެދެލޭންޑްސްއިން ތުހުމަތުކުރެއެވެ.

މެޗުގެ 95 ވަނަ މިނެޓްގައި އިންގްލޭންޑުން ލަނޑު ޖަހަނީ/ފޮޓޯ: އެކްސް

އިންގްލޭންޑްގެ ކޯޗު ގެރެތް ސައުތްގޭޓް ބުނަނީ މުބާރާތުގައި މިހާތަނަށް އޭނާގެ ޓީމުގެ ފަރާތުން ކުޅެން ޖެހުނު މެޗުތަކުގެ ސަބަބުން މިރޭ ސްޕެއިންއާ ދެކޮޅަށް ކުޅޭ ފައިނަލަށް މެޗަށް އެޓީމުން ނިކުންނަން ވާނީ މިމެޗުތަކުން ފިލާވަޅު ލިބިގެން ކަމަށެވެ. ސައުތްގޭޓް ބުނީ ސްޕެއިންއާ ދެކޮޅަށް ކުޅެ ވާނެ ގޮތަކާ މެޗު އޭނާ ބިރު ނުގަންނަ ކަމަށާ މިމުބާރާތުގައި އެކަނި ވެސް އެވަރަށް ތަޖުރިބާ ލިބިއްޖެ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ އޭނާގެ ކުޅުންތެރިން ވެސް އެއްވެސް ބިރަކާ ނުލާ ދަނޑަށް ނިކުމެ އެކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ދެއްކުމަށް ކަމަށާ ކާމިޔާބީ އޮތީ އެންމެ ގުޅިގެން ޓީމެއްގެ ސިފައިގައި ކުޅެގެން ކަމަށެވެ.

ސައުތްގޭޓް ބުނީ އޭނާ ޖާދުލަށް ގަބޫލު ނުކުރި ނަމަވެސް މުޅި ގައުމެއްގެ ހުވަފެނެއް ތެދުވެދާނެ ކަމަށް ގަބޫލުކުރާ ކަމަށާ އޭނާއާ ޓީމަށް ކުރެވެން އޮތް މަސައްކަތަކީ އެކަމަށް ގަދަ އަޅާ މަސައްކަތް ކުރުން ކަމަށެވެ.

މިރޭގެ ފައިނަލް ކުޅޭ ދަނޑު ސައުތްގޭޓް އަދި ކޭން ބަލާލަނީ/ފޮޓޯ: އެކްސް

ޓީމުގެ ކެޕްޓަން ހެރީ ކޭން ބުނަނީ 2021 ވަނަ އަހަރުގެ ފައިނަލްގައި އަމިއްލަ ގައުމުގައި އިޓަލީގެ އަތުން ބަލިވުމަކީ މިރޭގެ ފައިނަލަށް އިނގިރޭސި ޓީމު ތައްޔާރުވުމަށް ބޭނުންކުރި އެންމެ ވަރުގަދަ އުކުޅު ކަމަށެވެ. ކޭން ބުނީ އޭނާއާ ޓީމުން ބޭނުން ވަނީ މިރޭ މޮޅުވެ އިނގިރޭސި ތާރީހުގައި އެކުޅުންތެރިންގެ ނަން ލިޔެލަން ކަމަށާ ސަޕޯޓަރުންނަށް މި އުފާ ހޯދާ ދިނުން ކަމަށެވެ.

ކޭން ކެޕްޓަން ކުރާ އިންގްލޭންޑުން މިރޭ ސްޕެއިން ބަލިކޮށް ޔޫރޯ 2024 ގެ ތަށި އުފުލާލައިފިނަމަ އެޓީމު ވާނީ 1966 ވަނަ އަހަރުގެ ފަހުން ބައިނަލްއަޤްވާމީ ބޮޑު ފުޓްބޯޅަ މުބާރާތެއް ކާމިޔާބުކުރި އިނގިރޭސި ފުރަތަމަ ފިރިހެން ޓީމަށެވެ. އެއީ 2022 ވަނަ އަހަރު އޮތް ޔޫރޯ 2022 އަންހެނުން ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރީ އިނގިރޭސި އަންހެން ޓީމެވެ.