ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕެއިންއާ ކުޅެ 2-1 އިން ބަލިވި އިންގްލޭންޑަށް މުބާރާތުގެ ހަޑި ރިކޯޑެއް ލިބިއްޖެއެވެ. 2021 ވަނަ އަހަރު އިންގްލޭންޑްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅެ ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވި އިންގްލޭންޑަކީ މުބާރާތުގެ ތާރީހުގައި ވެސް ޖެހިޖެހިގެން ދެ ފައިނަލުން ބަލިވި ފުރަތަމަ ޓީމެވެ.

މިރޭގެ ބައްޔާއެކު އިންގްލޭންޑްގެ ފިރިހެން ފުޓްބޯޅަ ޓީމަށް ޓްރޮފީއެއް ނުލިބި 58 އަހަރު މިވަނީ ވެފައެވެ. އިންގްލޭންޑްގެ ފިރިހެން ފުޓްބޯޅަ ޓީމަށް ހަމައެކަނި ލިބުނު ތައްޓަކީ 1966 ވަނަ އަހަރު އެގައުމުގައި ބޭއްވި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތައްޓެވެ.

ޔޫރޯ 2024 ގެ ފައިނަލަށް އިންގްލޭންޑް ދިއުމަކީ ވެސް ކާމިޔާބީއެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރި އިރު މުބާރާތުގެ ގަދަ 16 އިން ފެށިގެން ފައިނަލް މެޗާ ހަމައަށް އިންގްލޭންޑުން ވަނީ ވަރުގަދަ ހިތްވަރެއް ދައްކާފައެވެ.

މިގޮތުން ދެވަނަ ބުރުން ފެށިގެން ސެމީއާ ހަމައަށް ކުޅުނު ތިން މެޗުން ވެސް އިންގްލޭންޑް މޮޅުވީ ފަހަތުން އަރާ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްގެންނެވެ. މިރޭގެ ފައިނަލްގައި ވެސް އެޓީމުން ލަނޑެއް ޖަހާ ނަތީޖާ އެއްވަރު ކުރި ނަމަވެސް އިންގްލޭންޑް މިރޭ ބަލިވީ މުބާރާތުގެ އެންމެ މޮޅު ޓީމުގެ އަތުންނެވެ.

އިންގްލޭންޑްގެ ކޯޗު ގެރެތް ސައުތްގޭތް/ފޮޓޯ: އެކްސް

މިރޭގެ ނާކާމިޔާބީއަށް ފަހު ކޯޗު ގެރެތް ސައުތްގޭޓުގެ އިސްތިއުފާއަށް ގިނަ ބަޔަކު ގޮވާނެ އިރު އޭނާ މިވަނީ އިންގްލޭންޑްގެ ކޯޗު ކަމާ ހަވާލުވީ ފަހުން ދެ މުބާރާތެއްގެ ފައިނަލަށް އެޓީމު ގެންގޮސްދީފައެވެ. އެހެން ނަމަވެސް އެންމެ ވަރުގަދަ ސްކޮޑް ގޮވައިގެން މުބާރާތަށް އައި އިންގްލޭންޑް ޓީމުގެ ފަރާތުން ސައުތްގޭޓަށް އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ހާއްސަކޮށް އެންމެ ވަރުގަދަ ފުރަތަމަ 11 ހޮވަން ސައުތްގޭޓަށް ނޭނގޭ ކަމަށާ ބަދަލު ކުޅުންތެރިންގެ ގޮތުގައި އަރުވާ ކުޅުންތެރިންގެ ފަރާތުން ކިތަންމެ ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ފުރަތަމަ 11 އިން ޖާގަ ނުދޭ މައްސަލަ ގިނަ ބަޔަކު ޖެއްސިއެވެ.

މެޗު ނިމުމުން އިންގްލޭންޑްގެ ބެލިންގްހަމް ދަނޑުގައި ބަހައްޓާފައި ހުރި ކޫލަރެއްގައި ޖަހަނީ/ފޮޓޯ: އެކްސް

މިރޭގެ މެޗުގައި އިންގްލޭންޑަށް ނަތީޖާ ހަމަހަމަކޮށް ދިން ކޯލް ޕާމާއަކީ މިފަދަ އެއް ކުޅުންތެރިއެކެވެ. އޭނާ އެރުވި ކޮންމެ މެޗެއްގައި ވެސް އިންގްލޭންޑުން މާ ގިނަ އިރުތަކެއް ނުވެ ލަނޑެއް ޖަހާފައިވާ އިރު މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ޓީމުގެ ފުރަތަމަ 11 އިން ޖާގަ ލިބެން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ.

2026 ވަނަ އަހަރުގެ ވޯލްޑްކަޕަށް ސައުތްގޭޓް ބަހައްޓާނީތޯ ނުވަތަ ނޫންތޯ ނިންމާނީ އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ. މިކަމުގައި އެފްއޭއިން ނިންމާ ގޮތެއް ދާދި އަވަހަށް ހާމަކުރާނެ ކަމަށް ބެލެވެއެވެ.