ގދ. ގައްދޫއިން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ މީހާ ގައްދޫއިން ފުރާފައިވަނީ އިއްޔެ ހެނދުނު 9:30 އެހާކަންހާއިރު ކަމަށާއި، އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ހަވީރު 17:05 އެހާކަންހާއިރު ކަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން އިއްޔެ ހެނދުނު 11:15 އެހާކަންހާއިރު އެ މީހާ ގަމުން ފުރާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ރޭ ވަނީ މައުލޫމާތި ދީފައެވެ. އެމްއެންޑީއެފް އިން ބުނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން ގައްދޫ ކައުންސިލުން ބުނީ، ގެއްލިގެން ހޯދަނީ އެ ރަށު ޒަކަރިއްޔާ މުހައްމަދު (މުހުދާބޭ ތުއްތުބޭ) ކަމަށެވެ. 79 އަހަރުގެ ޒަކަރިއްޔާ ގެއްލުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ކަމަށް މައުލޫމާތު ދެއެވެ. ޒަކަރިއްޔާގެ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެ ރަށު ކައުންސިލަށް އެންގުމަށް ވެސް އެދިފައި ވެއެވެ.

ގެއްލިގެން ހޯދަމުންދާ ގދ. ގައްދޫ ޒަކަރިއްޔާ މުހައްމަދު / ފޮޓޯ: ގައްދޫ ކައުންސިލް

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން، ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް އިއްޔެ ރިޕޯޓުކޮށްފައިވެއެވެ. އަދި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަލުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.