އެންސިސް ގުދަނުގައި ރޯވި އަލިފާންގަޑު ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި 3 ފުލުހަކަށް ދުމުގެ އަސަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ އިރާކޮޅު ހުޅުމާލޭ ފޭސް 1ގައި ހުންނަ އެންސިސްގެ ގުދަނުގެ 4 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއެކު ފުލުހުންނާއި ސިފައިންގެ އިތުރުުން، މޯލްޑިވްސް އެއާޕޯޓް ފަޔާ އެންޑް ރެސްކިޔުގެ ފަޔާ ފައިޓަރުން ވަނީ ހަރަކާތްތެރިވެފައެވެ.

އިއްޔެ 18:48 ހާއިރު މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު، އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ 6 ވަރަކަށް ގަޑީރު ފަހުންނެވެ.

އަލިފާންގަނޑު އެއްކޮށް ނިއްވާނުލެވި ގިނަވަގުތު ވުމާއި ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ ބޮޑު ސަރަހައްދަކަށް ދުމުގެ އަސަރު ކޮށްފައިވާއިރު ފުލުހުން ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އެތަނުގައި ހަރަކާތްތެރިވި 3 ފުލުހަކަށް ދުމުގެ އަސަރު ކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

އަދި އެ މީހުންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފު ނުވާއިރު، ލިބުނު ގެއްލުންތަކުގެ މައުލޫމާތުވެސް އަދި ލިބިފައި ނުވެއެވެ.