މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމު (އިސްލާމީ މަރުކަޒަށް) ވާރޭވެހޭތީ އެ މައްސަލަ ހައްލު ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީގެ 40 އަހަރު ކުރީން ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒުގެ މިސްކިތް ތެރެއަށް ވާރޭ ވެހުމަކީ މީގެ އެތައް އަހަރެއް ކުރިން ދިމާވެފައިވާ މައްސަލައެކެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެންގޮސްފައިވާއިރު މިއަދުގެ ވެސް ހާލަތަކީ މިއީއެވެ.
މެންދުރުފަހުން ފެށިގެން މާލެއަށް ވިއްސާރަ ކުރަމުންދާއިރު މިއަދުވެސް އިސްލާމީ މަރުކަޒުގެ މިސްކިތް ތެރެއިން ފެނިގެންދިޔައީ ހަމަ މީގެ ކުރިންވެސް ފެނިފައިވާ މަންޒަރެވެ. އެގޮތުން މިސްކިތުގެ ޖުމްހޫރީ މައިދާނާއިވީ ފަޅީގެ އެކި ސަރަހައްދުގައި ބާލިދީތައް އަތުރާފައިވާއިރު ގިނަ ބަޔަކު ދަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ، އިސްލާމީ މަރުކަޒުގެ ޓިނު ދެ ފަހަރެއްގެ މަތިން ބަދަލުކުރި ކަމަށާއި އެންމެ ފަހުން ޓިނު ބަދަލުކުރީ ހުސްވި 2024 ވަނަ އަހަރު ކަމަށެވެ.
އަދި އެތަނުގައި އެންމެ ފަހުން ޖެހީ އެސްޓީއޯގެ ޓިނުކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީން ކަމަށެވެ. އަދި އެކަމާ ގުޅިގެން ފާޅު ކުރަމުންދާ ކަންބޮޑުވުންތައް ބަލައިގަންނަކަން ހާމަކޮށް ޝަހީމް ވިދާޅުވީ މައްސަލަ ހައްލުކުރުމަށް ކަމާގުޅޭ ޓީމްތައް މަސައްކަތްކުރަމުންދާ ކަމަށެވެ.
އަދި އެ މައްސަލަ ހައްލު ކުރުމަށް މިނިސްޓްރީން އެންމެ މަތީ ދަރަޖައިގައި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
އިސްލާމީ މަރުކަޒަކީ ރާއްޖޭގައި ހުރި އެންމެ ރީތި މަރުކަޒެވެ. މި މަރުކަޒުގައިވާ މިސްކިތަކީ މާލެ ސިޓީގައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މިސްކިތެވެ. އަދި ހުކުރަށް އަރާ މީހުންގެ އަދަދަށް ބަލައިފިނަމަ އެންމެ ގިނަ ބައަކު އަދިވެސް ހުކުރަށްދަނީ އިސްލާމީ މަރުކަޒުގެ މިސްކިތަށެވެ.