ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިޔަ ތިން ވަނަ ޓީމަކަށް ޕޯޗުގަލް ވެއްޖެއެވެ. އެޓީމަށް ދެވަނަ ބުރުން ޖާގައެއް ކަށަވަރުވީ ގްރޫޕް އެފްގައި މިރޭ ކުޅުނު މެޗުގައި 3-0 އިން ތުރުކީ ބަލިކުރުމުންނެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ތުރުކީން މޮޅު ކުޅުމެއް ދެއްކި އިރު އެމެޗުގައި އެންމެ ހުނަރުވެރި ކުޅުމެއް ދެއްކި ދެ ކުޅުންތެރިން ކަމަށްވާ އަރްޑާ ގުލާއާ ކިނާން ޔިލްޑިޒް މިރޭގެ މެޗަށް ނާރުވައެވެ. މިރޭގެ މެޗުގައި ތުރުކީގެ ފަރާތުން މާ ގިނަ ހަމަލާތަކެއް ފެނިގެން ނުދިޔަ އިރު ޕޯޗުގަލްގެ ވާތް ފަރާތު އަރިމަތިން ކުޅެމުން ދިޔަ ރަފައަލް ލިއާއޯގެ ފަރާތުން ވަނީ ނުރައްކާތެރި ހަމަލާއެއް ފެނިފައެވެ.
މެޗުގެ 21 ވަނަ މިނެޓްގައި ޕޯޗުގަލްއިން ލީޑު ނެގީ ވެސް އެފަރާތުން ތުރުކީގެ ގޯލު އޭރިއާ ތެރެއަށް އައި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މިލަނޑު ޕޯޗުގަލްއަށް ކާމިޔާބުކޮށް ދިނީ ބާނާޑޯ ސިލްވާއެވެ.
މެޗުގެ 28 ވަނަ މިނެޓްގައި ޕޯޗުގަލްއިން ލީޑު ފުޅާ ކުރިއެވެ. މިލަނޑަކީ ތުރުކީގެ ޑިފެންޑަރު އަކްޔަދިން ކީޕަރަށް ބެކް ޕާހެއް ކުރަން އުޅެނިކޮށް ބައިކޮޅަށް ވަތް ލަނޑެކެވެ.
ޕޯޗުގަލް ކުރީގައި އޮވެގެން ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފް ފަށައިގެން 10 މިނެޓްގެ ތެރޭގައި ޕޯޗުގަލްއިން ލަނޑެއް ޖަހާ ލީޑު ފުޅާ ކުރިއެވެ. ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހުސްކޮށް ލިބުނު ބޯޅައެއް އަމިއްލަ އަށް ގޯލުގެ ތެރެއަށް ފޮނުވާލުމުގެ ބަދަލުގައި ރޮނާލްޑޯ ހިޔާރު ކުރީ ކައިރީގައި ހުރި ޓީމު މޭޓް ބްރޫނޯ ފަނާންޑޭޒްއަށް ބޯޅަ ޕާސްކޮށް އޭނާ ލައްވާ ލަނޑު ޖެއްސުމަށެވެ. އޭނގެ ކުރިން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ނަގާލި ފަނާންޑޭޒްއަށް ދިން މި 'ފަސޭހަ' ފުރުސަތުގެ ބޭނުން އޭނާ ހިފާ ސްކޯ 3-0 އަށް ހެދިއެވެ.
އަމިއްލައަށް ރިކޯޑެއް ހެދުމަށް ލިބުނު ފުރުސަތު ޓީމުގެ އެހެން ކުޅުންތެރިއެއްގެ ކޮންފިޑެންސް ވަރުގަދަ ކުރުމަށް ރޮނާލްޑޯ ބޭނުން ކުރުމުން މެޗުގެ ކޮމެންޓޭޓަރުންގެ އިތުރުން ޕަންޑިޓުންގެ ތައުރީފުވެސް ރޮނާލްޑޯއަށް ލިބުނެވެ.
މެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު ނަމަވެސް މެޗު ނިމުނީ 3-0 އިން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ. މިއާއެކު ކުޅުނު ދެ މެޗުން 6 ޕޮއިންޓް ހޯދައިގެން 2016 ވަނަ އަހަރުގެ ޗެމްޕިއަން މިވަނީ ޔޫރޯ 2024 ގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
މިމެޗުން ބަލިވި ނަމަވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި ވެސް ތުރުކީއަށް އެބައޮތެވެ. އަދި ގްރޫޕްގައި އެންމެ ފަހުން ކުޅޭ މެޗުން ސްލޮވާކިއާ ބަލިކޮށްގެން ދެވަނަ ބުރަށް ތުރުކީއަށް ދެވޭނެއެވެ.