ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި މިއަދު ހަވީރު ޖޯޖިއާއާ ޗެކްރިޕަބްލިކް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މި ދެޓީމު ވެސް ބަލިވި އިރު މިއަދުގެ މެޗުގައި ފެނިގެން ދިޔައީ ވާދަވެރި ކުޅުމެކެވެ. ހާއްސަ ގޮތެއްގައި ޗެކް ރިޕަބްލިކް އިން ވަނީ މެޗުގެ ކުރީ ކޮޅު ގިނަ ހަމަލާތަކެއް އުފައްދާ ލަނޑު ޖަހާނެ ނުރައްކާތެރި ފުރުސަތަކެއް ހޯދާފައެވެ.
އެހެން ނަމަވެސް ޖޯޖިއާގެ ކީޕަރު ޖިއޯޖީ މާމަޑަޝްވިލީ ވަނީ މޮޅު ދެތިން ސޭވްކޮށްފައެވެ. މިގޮތުން މުޅި މެޗުގައި ޖުމްލަ 9 ސޭވް އޭނާކޮށްފައިވާ އިރު މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ލިބުނީ އޭނާއަށެވެ.
ފުރަަތަމަ ހާފްގެ 23 ވަނަ މިނެޓްގައި ޗެކުން ލަނޑެއް ޖަހާ ލީޑު ނެގި ނަމަވެސް މިލަނޑަކީ އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ޖެހިފައި ވަތް ލަނޑެއް ކަމަށް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ ނިންމާފައެވެ.
ދެން ފެނިގެން ދިޔައީ ޖޯޖިއާއިން މެޗުގެ ލީޑު ނެގިތަނެވެ. އެޓީމަށް ލިބުނު ހިލޭ ޖެހުމަށް ޑިފެންޑް ކުރަން އުޅުމުގެ ތެރޭގައި ޗެކްރިޕަބްލިކްގެ ކުޅުންތެރިއަކު ވަނީ އެޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އަތުން ބޯޅައިގައި ޖައްސާފައެވެ. ދަނޑު ކައިރީ އިންނަ ރެފްރީގެ މޮނީޓަރު ބެލުމަށް ފަހު މެޗުގެ ރެފްރީ ނިންމީ ޖޯޖިއާއަށް ޕެނަލްޓިއެއް ދިނުމަށެވެ.
މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށް ދިނީ މުބާރާތުގެ ފުރަތަމަ މެޗުގައި އެޓީމަށް ލަނޑު ޖަހާ ދިން މިކައުޓަޑްޒޭއެެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފް ޖޯޖިއާ ކުރީގައި އޮވެގެން ނިމުނު ނަމަވެސް ދެވަނަ ހާފްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ޗެކުންނެވެ. އަދި އެޓީމުން ވަނީ މެޗުގެ 59 ވަނަ މިނެޓްގައި ލަނޑެއް ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޕެޓްރިކް ޝިކްއެވެ.
މިލަނޑަށް ފަހު މެޗުން މޮޅުވާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު ނަމަވެސް މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިނަތީޖާއާއެކު ދެ ޓީމަށް ވެސް އެއް ޕޮއިންޓް ލިބިފައިވާ އިރު މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ހަނި ނަމަވެސް ފުރުސަތެއް ދެ ޓީމަށް ވެސް އެބައޮތެވެ.