ސިންގަޕޫރުގެ ސަރުކާރާއެކު ކުރެވޭ މަޝްވަރާތަކާ ސޮއި ކުރަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، ރައްޔިތުންނަށް ފައިދާވާނެ ނަތީޖާތަކެއް ލިބޭނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރާއި ބައްދަލުކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގް އާއެކު ކުރެއްވި މަޝްވަރާތަކަކީ ކާމިޔާބު މަޝްވަރާތަކެއް ކަމަށެވެ. މި ބައްދަލުވުމުގައި ދެ ގައުމުން އެއްބާރުލުން ދޭނެ ދާއިރާތަކާއި އިތުރަށް ގުޅުން ބަދަހިކޮށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު މުހިންމު މެމޮރެންޑަމްއޮފް އަންޑަސްޓޭންޑިންގް (އެމްއޯޔޫ) ތަކެއްގައި ސޮއިކުރުމާއެކު، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާތަން ފެނުމަކީ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. މި އެއްބަސްވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ، ކިޔެވުމަށް ކުރާ ޒިޔާރަތްތަކާއި، މަތީ ތައުލީމާއި، ވޮކޭޝަނަލް ތަމްރީނާއި، ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ފަންނީ ގާބިލްކަން އިތުރު ކުރުމަށެވެ.

މިއަދު ސޮއިކުރެވުނު އެމްއޯޔޫތަކުގެ ސަބަބުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ އާބާދީއަށް ވެސް މާނަހުރި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.