ބޭރުގެ ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ހަރަދު ކުރާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

ބޭރުގެ ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ހޭދަކުރާކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ އޭގެތެރެއިން 75 ޕަސެންޓް ހޭދަކުރަނީ އޮންލައިން އީ-ކޮމާސް ވިޔަފާރިތަކަށް ކަމަށެވެ.

އެ 75 ޕަސެންޓްގެ ތިންބައި ކުޅަ އެއްބައި ޑޮލަރު ހޭދަކުރަނީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި ޓީމޫއިން ތަކެތި ގަތުމަށް މަހެއްގެ މައްޗަށް 7 މިލިއަން ޑޮލަރު ބޭނުންކުރާކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށާއި އެ ފަދަ ސައިޓްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ނިންމާފައިވާކަން ބީއެމްއެލްއިން މިއަދު ވަނީ އިއުލާނުކޮށްފައެވެ. މި ފީ ނަގާނެ ސައިޓްތަކަކީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މި ބަދަލު ގެންނަން ނިންމާފައި ވަނީ މުޅި މުޖުތަމައުގެ ފައިދާއަށް ގެނައި ބަދަލެއް ކަމަށެވެ.

އޮންލައިން ވިޔަފާރިކުރާ މި ސައިޓްތަކުން ފީ ނެގި ނަމަވެސް ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތް ކުރާ ސައިޓްތަކުން ފީ ނުނަގާނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އަދި ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ ވެސް ފީ ނެގުން ނުހިމެނޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.