އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދުގެ މައްޗަށް ޕީޖީޏް އުފުލާފައިވާ ދައުވާގެ ޝަރީއަތް މިއަދު ފަށައިފިއެވެ.

މި މައްސަލައިގައި މިދިޔަ މާޗް މަހުގެ މަހުގެ 20 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ 3 މީހުންނަކީ ތ. ބުރުނި، މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލް، ގ. ހެޕީސައިޑް އުމުރުން 37 އަހަރުގެ އިބްރާހިމް އަހްމަދު އަދި ހަމައެގޭ އުމުރުން 47 އަހަރުގެ ހަސަން ސަހެޝާންއެވެ. ހަމައެއާއެކު މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭ ޝަމްއާން ހައްޔަރުކޮށްފައި ވާ އިރު، މާޗް މަހުގެ 23 ވަނަ ދުވަހު މ. ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަހްމަދު ލައްސާނު ވަނީ ހައްޔަރު ކޮށްފައެވެ. މި މީޙުންގެ ތެރެއިން ޝެހެޝާން ފިޔަވާ އެންމެންގެ މައްޗަށް ދައުވާ ވަނީ އުފުލާފައެވެ.

ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ ޝަމްއާނާއި އަލްސަންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތެވެ. އިބްރާހިމް އަހުމަދާއި ލައްސާންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ. މިއަދުގެ ޝަރީއަތުގައި ގާޒީ ވިދާޅުވީ، ލައްސާންގެ ބައި ވަކިން ކުރިއަށް ގެންދަނީ އޭނާ ކުށަށް އިއުތިރާފުވެ، ދައުލަތާ އެކު އެއްބަސްވުމެއް ހަދާފައި ވާތީ ކަމަށެވެ. ނަމަވެސް އިބްރާހިމްގެ ބައި ވަކިން ކުރިއަށް ގެންދާ ސަބަބެއް ގާޒީ ހާޟައެއް ނުކުރައްވައެވެ.

ޝަމްއާނާއި އަލްސަންގެ ޝާރީއަތުގެ އަޑުއެހުމެއް މިއަދު ބޭއްވި ނަމަވެސް، އެ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. މައްސަލައިގެ ލިޔުންތައް އަދިވެސް ދައުވާ ލިބޭ މީހުންނަށް ރައްދު ކޮށްދީފައި ނުވާތީ، ދައުވާ އިއްވުމަށާއި ޖަވާބުދާރީ ވުމަށް އެހެން އަޑުއެހުމެއް ވަނީ ތާވަލު ކޮށްފައެވެ.

މި މައްސަލައިގައި ފުލުހުން ހިންގި ތަހުގީގާ ގުޅިގެން ހާމަކޮށްފައިވާ މައުލުމާތަށް ބަލާއިރު، މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ މުވައްޒަފުން، މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ އިރު އެ އޮޕަރޭޝަން ހިންގީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށެވެ. އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށެވެ.

އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު އޭރު ކޮންޓްރޯލަ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަމްއާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެ އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައީ އިމިގްރޭޝަންގެ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ މަސްއޫލިއްޔަތު ނެތް ތިން މުވައްޒަފުން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެއީ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން އަދި މީޑިއާގައި މަސައްކަތް ކުރާ ތިން މުވައްޒަފުން ކަމަށާއި އެ އޮޕަރޭޝަންގައި ހަތް ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި ބަލައި ފާސްކުރިކަމަށް ފުލުހުން ބުނެފައި ވެއެވެ. އޭގެ ފަހުން އެފަދަ އޮޕަރޭޝަންތަކަށް ހާއްސަކޮށްފައިވާ އިމިގްރޭޝަންގެ ޓީމެއް އެރޭ ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރު ކުރެވުނު ބިދޭސީންގެ ތަކެތި ސީލްކޮށް ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވެއެވެ.

މި އޮޕަރޭޝަނުގައި އިމިގްރޭޝަނުން ހައްޔަރު ކުރި ބިދޭސީންތަކަކީ ގަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ހުރި ބިދޭސިން ކަމަށާއި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން، އެކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުނު އިރު މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑްގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް އޭނާ ގެންދިޔަ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އޭނާ ދޫކޮށްލީ ޝަމްއާންގެ އިރުޝާދުގެ ދަށުން އެކަން "އާޖެންޓް" ކަމެއްގެ ގޮތުގައި އަމަލުކުރުމަށް އަންގައިގެންނެވެ.

ދޫކޮށްލި ބިދޭސީ މީހާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވީ މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފެއްގެ އާއިލާ މެންބަރެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. ބިދޭސީ މީހާ ހައްޔަރު ކުރި އިރު އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ ވަނީ އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކޮށްފައި ވެއެވެ. އަދި އެމީހާ ދޫކޮށްލުމުނ އޭނާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހާ ސައިކަލެއްގައި ދިޔަ ނަމަވެސް ޝަހީދު އަލީ ހިނގުމުން އިމިގްރޭޝަން މުވައްޒަފަކާއެކު އޭނާ އިމިގްރޭޝަންގެ އުޅަނދަށް އެރިއެވެ.

އެ އުޅަނދު މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވާފައިވާ ބިދޭސީ މީހާ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގެންދިއުމަށްފަހު މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފަކު ސައިކަލެއްގައި ވެލާނާ ބިލްޑިން ކައިރިއަށް ގޮސް އިމިގްރޭޝަންގެ އުޅަނދުން ފައިސާ އެޅި ކޮތަޅު ނަގައިގެން ޝަމްއާންގެ ގެއަށް އެ ކޮތަޅު ގެންގޮސްފައިވެއެވެ. ފުލުހުން ބުނެއެވެ. މި މައުލޫމާތު ލިބުމާއެކު ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގެ ބަލައި ފާސްކުރި އިރު 257،475 ރުފިޔާ އާއި 10،000 ޑޮލަރު އަދި އެހެން ބައެއް ގައުމުތަކުގެ ފައިސާ ފެނިފައިވެއެވެ.