ގްރޭޓާ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓުގެ ބޯޑަށް ޗެއާޕާސަނަކާއި މެންބަރުން އައްޔަން ކޮށްފިއެވެ.
ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ފައިނޭންޝަލް ޑިސްޓްރިކްޓުގެ ބޯޑަށް ޗެއާޕާސަނަކާއި މެންބަރުންގެ ގޮތުގައި ތިން ބޭފުޅަކާއި ޗެއާޕާސަނެއް އައްޔަންކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް ފާތިމަތު ޝާހީން އައްޔަން ކުރެއްވި އިރު ތިން މެންބަރުންގެ ގޮތުގައި އައްޔަން ކުރައްވާފައި ވަނީ އަހްމަދު ސިރާޖް އާއި މުހައްމަދު ރިޔާޒްގެ އިތުރުން އާމިނަތު ސައުޝަން އަފީފް އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ، މި ކުންފުނި އުފެއްދީ ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މި މަހުގެ އެއްވަނަ ދުވަހުއެވެ.
އޭރު ރައީސް އޮފީހުން ބުނީ މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސާވިސަސް އާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގެ ހިދުމަތްތައް ހިމެނޭ ގޮތުން، މާލީ ހިދުމަތް ތަކުގެ ސިނާއަތު ރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ހިދުމަތް ތަކުގެ މަރުކަޒަކަށް ރާއްޖެ ހެދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒު ކުރުން ކަމަށެވެ.
ފައިނޭންޝަލް ޑިސްޓްރިކްޓު ލިމިޓެޑަށް ހުއްދަ ކޮށްފައިވާ ރައުސުލްމާލަކީ 10ރ.ގެ 100 މިލިއަން ހިއްސާގެ މައްޗަށް ބަހާލާފައިވާ 1 ބިލިއަން ރުފިޔާއެވެ.
މި ކުންފުންޏަކީ ހިންގާ ގަވައިދު އަދި އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ކަންތައް ހިންގުމުގައި އަދި އަމިއްލަ ނަމުގައި ދައުވާކޮށް، ދައުވާ ލިބިގަތުމުގެ ހައްގު އޮންނަ ކުންފުންޏެއްވެސް މެއެވެ.