ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އޮތީ 550 މީޓަރު އަޑީގައި އޮތް ލޭންޑިން ކްރާފްޓްގެ އިންޖީނު ރޫމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

6 މީހުންނާއެކު މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓު ބަންޑުން ޖާހާލާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. ލޭންޑިން ކްރާފްޓް ބަންޑުންޖަހާލީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާއި 5 ވަރަކަށް މޭލަށް ކައިރިވެފައިވަނިކޮށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ ލޭންޑިން ކްރާފްޓަށް ދިޔަވެގެން އަރިއަޅައިގެންދިޔަ ވަގުތު ލޭންޑިން ކްރާފްޓުގެ ކެޕްޓަނާއި އަދި ވޮރަންޓް އޮފިސާ އަލީ ހާމީދު ތިބީ ވީލް ހައުސް ތެރޭގައި ކަމަށެވެ. އަދި އެ ވަގުތު އިންޖީނު ރޫމުގެ ތެރޭގައި ހުރީ މިހާރު ގެއްލިގެން ހޯދަމުންދާ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަޅުވެރިޔާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މި ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދުގެ ހަށިގަނޑު ނެގީ ބަންޑުން ޖަހާލައިފައިވާ ލޭންޑިން ކްރާފްޓުގެ ވީލްހައުސް ތެރެއިން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި ގެއްލުނު ބިދޭސީ ފަޅުވެރިޔާ ލޭންޑިން ކްރާފްޓްގެ އިންޖީނު ރޫމުގެ ތެރޭގައި ވީ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ ލޭންޑިން ކްރާފްޓް ފެތިފައި ވަނީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާއި 1 މޭލް ދުރުން، 550 މީޓަރު އަޑިއަށް ކަމަށެވެ.

ލޭންޑިން ކްރާފްޓް ބަންޑުންޖަހާލީ ދިޔަވާން ފަށާ ކުއްލިއަކަށް ލޭންޑިން ކްރާފްޓް އަރިއަޅައިލައިގެންކަން ލޭންޑިން ކްރާފްޓްގެ ކެޕްޓަން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި މިކަން ހިނގައިދިޔަގޮތް އެމްއެންޑީއެފްއިން އެކަމަށްޓަކައި ކަނޑައަޅާފައިވާ ބޯޑުން ބަލަމުންދާކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.