ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ބޯޑަށް 4 މެމްބަރުން އައްޔަނުކޮށްފިއެވެ.

ޕްރަވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޑީބީއެމްގެ ބޯޑުގެ މެމްބަރުގެ ގޮތުގައި ހަތަރު ބޭފުޅަކު އައްޔަންކޮށްފައިވާ ކަމަށެވެ.

އެގޮތުން ބޯޑު މެންބަރުންގެ ގޮތުގައި އައްޔަންކޮށްފައި ވަނީ:

  • ހަސަން މިރާސް، މއ. މާފަނު
  • އަހުމަދު އަޒްޔާން ހަމީދު، މ. ލަންސިމޫގެ
  • މައިޝާ އިބްރާހިމް، ދ. ކުޑަހުވަދޫ، ތިކުރީތު
  • އަޒްމީން ރަޝީދު، ގދ. ރަތަފަންދޫ، ޗަބޭލީވިލާ

މިއީ ބޭންކުގެ ބޯޑަށް މެންބަރުން އައްޔަން ކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް ރަސްމީކޮށް ހުޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ސަރުކާރުގެ ފުރިހަމަ އިންސައްތަ ހިއްސާ އޮންނަ މި ބޭންކު އުފެއްދުމުގެ ބޭނުމަކީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިޖުތިމާއީ ތަރައްގީ އާއި އިގްތިސޯދީ ތަރައްގީއަށް އިންވެސްޓްކުރުމަށާއި އުމްރާނީ ތަރައްގީ އަށް ބޭނުންވާ ފައިސާ ހޯދުމާއި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމަކީ ވެސް މި ބޭންކު އުފެއްދުމުގެ މަގްސަދެއް ކަމަށް ސަރުކާރުން ބުނެއެވެ.

ޑީބީއެމްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯއަކަށް އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އައްޔަން ކުރި ނަމަވެސް މިދިޔަ މާޗު މަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.