ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ގުޅުން ބަދަހިކުރުމަކަށް 3 އެމްއޯޔޫތަކެއްގައި މިއަދު ސޮއި ކޮށްފިއެވެ.
މި އެމްއޯޔޫތަކުގައި ސޮއިކޮށްފައި މި ވަނީ، ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ދައުލަތުގެ ބައެއް އިސްވެރިން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން މިއަދު އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޮރެންސް ވޮންގްއާ ރައީސް މުއިއްޒު ބައްދަލު ކުރެއްވުމަށް ފަހު ބޭއްވި ރަސްމިއްޔާތެއްގައި ދެ ގައުމުން މިއަދު ސޮއި ކުރީ ކެޕޭސިޓީ އިތުރުކުރުމުގެ ދާއިރާއިންނާއި ތިމާވެށީގެ ދާއިރާއިންނާއި މަތީ ތައުލީމާއި ތައުލީމީ ސިޔާސަތާއި ފަންނީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫތަކެއްގައެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ކެޕޭސިޓީ އިތުރު ކުރުމުގެ ދާއިރާއިން އެމްއޯޔޫގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. އަދި ސިންގަޕޫރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބަލަކްރިޝަނަން އެވެ.
ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް އެންޑް އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއެވެ. ސިންގަޕޫރު ސަރުކާރުން ސޮއި ކުރެއްވީ އެ ގައުމުގެ ސަސްޓެއިނަބިލިޓީ އެންޑް އެންވަޔްރަމަންޓް މިނިސްޓަރު ގްރޭސް ފޫ އެވެ.
މަތީ ތައުލީމާއި ތައުލީމީ ސިޔާސަތު އަދި ފަންނީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރުއެވެ. ސިންގަޕޫރުގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ އެ ގައުމުގެ އައިޓީއީ އެޑިއުކޭޝަން ސާވިސްގެ ޗީފް އެގްޒެކެޓިވް ގޮ މޮންގް ސޮންގެވެ.
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު މުހިންމު މެމޮރެންޑަމްއޮފް އަންޑަސްޓޭންޑިންގް (އެމްއޯޔޫ) ތަކެއްގައި ސޮއިކުރުމާއެކު، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާތަން ފެނުމަކީ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާއެވެ. މި އެއްބަސްވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ، ކިޔެވުމަށް ކުރާ ޒިޔާރަތްތަކާއި، މަތީ ތައުލީމާއި، ވޮކޭޝަނަލް ތަމްރީނާއި، ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ފަންނީ ގާބިލްކަން އިތުރު ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސޮއިކުރެވުނު އެމްއޯޔޫތަކުގެ ސަބަބުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ އާބާދީއަށް ވެސް މާނަހުރި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.