ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި މިރޭ ޖޯޖިއާއާ ތުރުކީ ވާދަކުރި މެޗު 3-1 އިން ތުރުކީއިން ކާމިޔާބުކޮށްފިއެވެ.

ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައިި ފުރަތަމަ ލަނޑެއް ޖަހާފައިވަނީ ތުރުކީންނެވެ. މިގޮތުން، މެޗުގެ 25 ވަނަ މިނެޓްގައި އެޓީމުން މާޓް މުލްޑާރް ޖެހި ލަނޑަކީ މި މުބާރާތުގައި ފެނިގެން ދިޔަ އެންމެ ހިތް ގައިމު އެއް ލަނޑެވެ.

ތުރުކީގެ ފުރަތަމަ ލަނޑު ޖަހާ މުލްޑޯރް/ފޮޓޯ: އެކްސް

މިލަނޑު ޖެހިތާ މާ ގިނަ އިރު ތަކެއް ނުވެ ތުރުކީން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާފައެވެ. އެހެން ނަމަވެސް ޔިލްޑިޒް ޖެހި މިލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީން ވަނީ ނިންމާފައެވެ.

އޭނގެ މާ ގިނަ އިރުތަކެއް ނުވެ މެޗުގެ 32 ވަނަ މިނެޓްގައި ޖޯޖިއާއިން ވަނީ ލަނޑެއް ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި މިކައުޓަޑްޒޭއެވެ. މިއީ ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތެއްގައި ޖޯޖިއާއިން ޖެހި ފުރަތަމަ ލަނޑެވެ.

ޔޫރޯގައި ޖޯޖިއާއިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށް ފަހު އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

މެޗުގެ ފުރަތަމަ ހާފް ދެ ޓީމު އެއްވަރުވެގެން ނިމުނު އިރު ދެވަނަ ހާފްގައި ތުރުކީން ވަނީ ކުޅުން ވަރުގަދަކޮށްފައެެވެ. އަދި މެޗުގެ 65 ވަނަ މިނެޓްގައި ތުރުކީގެ ޒުވާން މިޑްފީލްޑަރު އަރްޑާ ގޫލާ ވަނީ ތުރުކީއަށް ވަރަށް މޮޅު ލަނޑެއް ޖަހާ ދީފައެވެ. އޭނާއަކީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާއެވެ.

ތުރުކީގެ 19 އަހަރުގެ ފޯވަޑް ގުލާ/ފޮޓޯ: އެކްސް

މިލަނޑަށް ފަހު މެޗުގެ ބާކީ އޮތް ބައިގައި ޖޯޖިއާއަށް ސްކޯ އެއްވަރު ކުރާނެ ރަނގަޅު ދެ ފުރުސަތު ލިބުނު އިރު ތުރުކީގެ ގޯލު ދަނޑީގައި ދެ ފަހަރެއްގެ މަތިން ޖޯޖިއާއިން ޖެހިއެވެ. މެޗުގެ ފަހު ވަގުތު ކޮޅު ލިބުނު ކޯނަރަކަށް ޖޯޖިއާގެ ކީޕަރާއި ގިނަ ކުޅުންތެރިން ތުރުކީގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަތް ވަގުތު ތުރުކީން އުފެއްދި ކައުންޓާ އެޓޭކެއްގައި އެޓީމުން ވަނީ ތިން ވަނަ ލަނޑެއް ޖަހާ ނަތީޖާ ކަށަވަރުކޮށްފައެވެ.

މިމޮޅާއެކު ތުރުކީ މިވަނީ ގްރޫޕް އެފްގެ ތާވަލުގެ އެއްވަނައަށް އަރާފައެވެ. މިރޭ ގްރޫޕް އެފްގެ ދެވަނަ މެޗު ކުޅޭ އިރު ދަންވަރު 12 ޖަހާ އިރު ފަށާ މިމެޗަށް ނިކުންނާނީ ޗެކް ރިޕަބްލިކްއާ ޕޯޗުގަލްއެވެ.